ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މާލެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ ހަފްތާގައި 15،700 އަށްވުރެ ގިނަ ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގްރޭޓަރ މާލެ ސަރަހައްދުގައި ފުލުހުން ވަނީ މިދިޔަ ހަފްތާގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތްތަކެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ، މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު 325 އަށްވުރެ ގިނަ މައްސަލައަށް ފުލުހުން ވަނީ އިޖާބަދީފައި ކަމަށެވެ. އަދި ފުލުހުން ހިންގަމުންދާ އެކި އޮޕަރޭޝަންތަކާއި ގާނޫނު ތަންފީޒުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ޖުމްލަ 59 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރުކޮށްފައެވެ.

މިދިޔަ ހަފްތާގައި މާލޭގެ 6519 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، ހުޅުމާލޭގެ 6486 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި ތިލަމާލެއިން 2249 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން، ޓްރެފިކް ފުލުހުންނާއި ރޯޑް މެނޭޖްމަންޓް ޓީމުތަކުން ވަނީ މަގުމަތީގެ 45 ހާދިސާއަކަށް އެޓެންޑްވެ، އެކަންކަމުގައި ފިޔަވަޅު އަޅާފައެވެ.

ފުލުހުން ބުނެފައިވަނީ މާލެ ސަރަހައްދަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ. މި މަސައްކަތްތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު