މަދިރިން ރައްކާތެރިވުމަށް ފޮގްކުރަނީ | ފޮޓޯ: އެޗްޕީއޭ
މަދިރިން ރައްކާތެރިވުމަށް ފޮގްކުރަނީ | ފޮޓޯ: އެޗްޕީއޭ
ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ބޮޑުތަނުން އިތުރުވެފައިވާތީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް ޑެންގީ ހުމުގެ 778 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. އެހެންކަމުން، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ތަކުރާރުކޮށް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ޑެންގޫ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ރޯގާގެ އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން، މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުމަށާއި، ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުމާއި، ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުމަށާއި މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ، ޑެންގޫ ބަލި ފަތުރާ އީޑިސް މަދިރި އާއްމުކޮށް ހަފަނީ ދުވާލު ގަޑީގައި ކަމަށާއި ހުރިހާ ވަގުތެއްގައިވެސް (ދުވާލު އަދި ރޭގަނޑު) މަދިރި ހެފުމުން ރައްކާތެރިވުން މުހިންމުކަމަށެވެ. މީގެ މަދިރިއެއްގެ އުމުރުގެ ދިގު މިނަކީ 3-4 ހަފުތާއެވެ.

މި ބަލި ޖެހުމުން ހުން އައުމާއި، ބޮލުގައި ރިއްސުމާއި، މޭނުބައިކުރުން ފަދަ އަލާމާތްތައް ފެންނައިރު، ބައެއް ހާލަތްތަކުގައި ނޭވާލާން އުނދަގޫވެ އެތެރެހަށިން ލޭ އައުން ފަދަ ނުރައްކާތެރި ކަންކަން ކުރިމަތިވެއެވެ. އާންމުކޮށް މަދިރި ހަފާތާ 4 ނުވަތަ 5 ދުވަސް ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާއިރު، ޑެންގީ ޖެހުމުން ބަލިވާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވެއެވެ.



ކިޔުންތެރިންގެ ހިޔާލު