ކުޑަކުދިންނާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން-
ކުޑަކުދިންނާއި، އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން-
ނިމިދިޔަ ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 44 މައްސަލައާއި ފިރިހެން ކުދިންނާ ގުޅޭ 44 މައްސަލައެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ މަހު ރިޕޯޓުގައިވާ ގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 29 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 15 ފިރިހެން ކުދިންނާއި 14 އަންހެން ކުދިންނަށް ކުރި އަނިޔާގެ މައްސަލައެވެ. ދެވަނައަށް އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 16 މައްސަލައެވެ.

މީގެ އިތުރުން، ޖިންސީ ހާނިއްކައިގެ 15 މައްސަލައެއް ސެޕްޓެމްބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާ ގުޅޭ 12 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 3 މައްސަލައެކެވެ. އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައަކާއި، ނަފްސާނީ ހާނިއްކައިގެ 8 މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 5 މައްސަލައާއި، ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ 1 މައްސަލައިގެ އިތުރުން، މި ބާވަތުގެ އެހެނިހެން 2 މައްސަލައެއްވެސް ރިޕޯޓުކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކަށް ބަލާއިރު، މިދިޔަ މަހު ވަނީ އެފަދަ 16 މައްސަލައެއް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންގެ 12 މައްސަލައަކާއި އަންހެން ކުދިންގެ 4 މައްސަލައެވެ. އަޚްލާގީ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ މައްސަލަތަކެވެ. އެގޮތުން ހުށަހެޅުނު 6 މައްސަލައިގެ ތެރޭގައި 3 ފިރިހެން ކުދިންނާއި 3 އަންހެން ކުދިން ހިމެނެއެވެ. މީގެއިތުރުން، ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލައަކާއި، ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލައާއި، އެހެނިހެން 7 މައްސަލައެއް ވަނީ ހިމެނިފައެވެ. އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަވެސް މިދިޔަ މަހު ވަނީ ފާހަގަކުރެވިފައެވެ.

އާއިލީ މައްސަލަތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު ޖުމްލަ 21 މައްސަލައެއް ވުޒާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި އަންހެން ކުދިންގެ 11 މައްސަލައަކާއި ފިރިހެން ކުދިންގެ 10 މައްސަލަ ހިމެނެއެވެ. އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. އެއީ 13 މައްސަލައެވެ. އަދި ކުދިންނާ ބައްދަލުކުރުމުގައި ދިމާވާ 6 މައްސަލައަކާއި، ހަޟާނާގެ 1 މައްސަލައިގެ އިތުރުން އެހެނިހެން 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންގެ ރައްކާތެރިކަމާއި ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި މިފަދަ މައްސަލަތައް ބަލައި، ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް