ރައީސް ސާލިހު
ރައީސް ސާލިހު
ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ޕާޓީއާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވައިފިއެވެ.

ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، މިއީ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ހާމަކޮށްދޭ އަދި ޕާޓީގެ އެތެރޭގެ ބަދަހިކަން ފެނިގެންދާ މުހިންމު އިންތިހާބެއް ކަމަށެވެ.

މި އިންތިހާބުގައި ވާދަކުރައްވާ މީކާއިލް ނަސީމަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކީ ކޮންމެ ބޭފުޅަކަށް ވީނަމަވެސް، އެމްޑީޕީން ފަށާފައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާދާރު މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީކާއިލް ހޮވިވަޑައިގެންފި ނަމަ އެއީ ޒުވާން ލީޑަރޝިޕަކަށް ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށާއި، އަދި ރައީސް ނަޝީދު ހޮވިވަޑައިގެންފި ނަމަ އެއީ ތަޖުރިބާކާރު ލީޑަރޝިޕެއްގެ ދަށުން ޕާޓީ ހިންގުމަށް ލިބޭ ފުރުސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދުމުގެ ފުރުސަތެއް ނެތްކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، ކޮންމެ ނަތީޖާއަކާ އެކުވެސް ޕާޓީގެ މަސްލަހަތު އިސްކޮށް، ހުރިހާ މެންބަރުންވެސް އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް އަދި މާ އަވަސް ކަމަށާއި، ނަމަވެސް ޕާޓީގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިންމުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާ މި އިންތިހާބުގައި 50,000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މިހާތަނަށް 10,000 އަށް ވުރެ ގިނަ މެންބަރުން ވަނީ ވޯޓުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު