މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރެއްގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ނަސީރު، ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ އައްޔަންކުރައްވާފައިވަނީ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖް ދާއިރާގެ މުޝީރެއްގެ ގޮތުގައެވެ. ނަމަވެސް، އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކޮން ފެންވަރެއްގައި ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއަށްފަހު 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނަށް މިހާރު އަންނަނީ ސަރުކާރުގެ އެކި މަގާމުތައް ހަމަޖައްސައިދެމުންނެވެ.

މިގޮތުން، މީގެ ކުރިން ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވަނިކޮށް ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމް ވެސް ވަނީ އަލުން ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން، ވަޒީރުކަމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް، ގަތަރާއި ޔޫއޭއީއަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި އައްޔަންކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު