ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކުރިމަތިލަނީ، ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާ ލިބިފައިވާ، ހުރިހާ މަގާމަކަށްވެސް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ވަރުގަދަ ސްކޮޑަކާއެކުއެވެ. ވަރުގަދަ ފަހަތަކުން ބާރުދޭ މި ޓީމުގައި، އުފެއްދުންތެރި މެދުތެރެއަކާއި، ޖިސްމާނީ ގޮތުން ވަރުގަދަ އަދި ފަންނީ ހުނަރުވެރިކަން އެކުލެވިގެންވާ އެޓޭކެއް ހިމެނެއެވެ.

ޕޯޗުގަލް އަކީ ވޯލްޑް ކަޕްގައި ފާހަގަކޮށްލެވޭ ތާރީޚެއް އޮތް ގައުމެކެވެ. އެގައުމުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކޮށް ތިންވަނަ ހޯދިއިރު، އޭގެ ފަހުން އައި ކޮންމެ ޖީލެއްގައިވެސް ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބުތަކުގައި ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ކުޅުންތެރިންތަކެއް ވަނީ އުފައްދާފައެވެ.

މި ޓީމުގެ އެންމެ ފާހަގަކޮށްލެވޭ ތަރިއަކީ އަދިވެސް ތާރީޚީ ކާމިޔާބީތައް ހޯދަމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ނުކުންނަ ޕޯޗުގަލް ޓީމަކީ، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރިހަމަ ގާބިލުކަން ހުރި ޓީމެކެވެ.

އެސްޕަންޏޯލްގެ ތަޖުރިބާކާރު ކޯޗު ރޮބާޓޯ މާޓިނޭޒް ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން، ބެލްޖިއަމްގެ ގައުމީ ޓީމުގައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ފާހަގަކުރެވިފައިވަނީ ބޯޅަ ހިފަހައްޓައިގެން ކުޅުމާއި ހަލުވިކަމާއެކު އެޓޭކަށް ބަދަލުވުމުގެ ފަލްސަފާ ގެންގުޅޭ ކޯޗެއްގެ ގޮތުގައެވެ. މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އިން ވަނީ 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ތަށި އުފުލާލާފައެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅޭ މެޗުތައް:

17 ޖޫން: ޕޯޗުގަލް - ކޮންގޯ ޑީއާރު (ހިއުސްޓަން ސްޓޭޑިއަމް)

23 ޖޫން: ޕޯޗުގަލް - އުޒްބެކިސްތާން (ހިއުސްޓަން ސްޓޭޑިއަމް)

27 ޖޫން: ކޮލަމްބިއާ - ޕޯޗުގަލް (މިއާމީ ސްޓޭޑިއަމް)

ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، 226 މެޗުން 143 ލަނޑު ޖަހައިގެން ދުނިޔޭގެ ރެކޯޑު ދަމަހައްޓަމުން، އުމުރުން 41 އަހަރުގައި އޭނާގެ ހަވަނަ ވޯލްޑް ކަޕާ ކުރިމަތިލާނެއެވެ. މީގެ އިތުރުން މެންޗެސްޓަރ ސިޓީގެ ރޫބެން ޑިއާޒް އާއި ބެނާޑޯ ސިލްވާގެ އިތުރުން ޕީއެސްޖީގެ މުހިންމު ކުޅުންތެރިން ކަމަށްވާ ނޫނޯ މެންޑޭޒް، ޔޮއާއޯ ނޭވޭސް، ގޮންސާލޯ ރާމޯސް އަދި ވިޓީނިއާ ސްކޮޑުގައި ހިމެނެއެވެ. ނަމަވެސް ޓޮޓެންހަމްގެ ޔޮއާއޯ ޕަލީނިއާ އާއި ބެންފީކާގެ އެންޓޯނިއޯ ސިލްވާއަށް މިފަހަރު ފުރުސަތެއް ނުލިބެއެވެ.

ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫއެފާ ކޮލިފައިންގެ ފަހު މެޗުގައި އާމީނިއާ 9-1 އިން ބަލިކޮށް، ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެންނެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ހަންގޭރީއާ ދެކޮޅަށް ޖެހި ދެ ލަނޑާއެކު، ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އާކޮށްފައެވެ.

ތާރީޚަށް ބަލާއިރު، ޕޯޗުގަލް އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1966 ވަނަ އަހަރުއެވެ. އެފަހަރު އިނގިރޭސިވިލާތުގައި ބޭއްވި މުބާރާތުގައި އެގައުމުން ވަނީ ތިންވަނަ ހޯދާފައެވެ. އެއީ މިހާތަނަށް ޕޯޗުގަލް އިން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެ ޓީމުގައި އޭރު ހިމެނުނު ލެޖެންޑުން ކަމަށްވާ ޔޫސޭބިއޯ އާއި މާރިއޯ ކޮލޫނާގެ ކުޅުން މުޅި ދުނިޔެ ހައިރާންކޮށްލިއެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ޕޯޗުގަލް ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ. ގްރޫޕް ސްޓޭޖުގައި ގާނާ އާއި އުރުގުއޭ ބަލިކޮށް ނޮކައުޓް ބުރަށް ދަތުރުކުރިއިރު، ގަދަ 16 ގައި ސްވިޒަލޭންޑް އަތުން 6-1 އިން ވަނީ މޮޅުވެފައެވެ. ނަމަވެސް ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން 1-0 އިން ބަލިވެ މުބާރާތުން ވަކިވާން ޖެހުނެވެ.

ޕޯޗުގަލްގެ ވޯލްޑް ކަޕް ތާރީޚުގައި 1966 ވަނަ އަހަރުގެ މުބާރާތަކީ ހަނދާނުން ފޮހެލަން ދަތި މުބާރާތެކެވެ. އެފަހަރު ޕެލޭގެ ބްރެޒިލް ބަލިކޮށް، ސެމީ ފައިނަލުގައި އިންގްލެންޑް އަތުން ބަލިވި ނަމަވެސް، ސޯވިއެޓް ޔޫނިއަން ބަލިކޮށް ތިންވަނަ ހޯދުމަކީ އެގައުމުގެ ފުޓްބޯޅައިގެ ބޮޑު ކާމިޔާބީއެކެވެ. އޭގެ ސާޅީސް އަހަރު ފަހުން، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގައިވެސް ޕޯޗުގަލް ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.

ކުޅުންތެރިންގެ ފަރުދީ ކާމިޔާބީތަކަށް ބަލާއިރު، 1966 ގައި ޔޫސޭބިއޯ ދެއްކި ކުޅުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. އޭނާ އެ މުބާރާތުގައި 9 ލަނޑު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވޯލްޑް ކަޕްގައި ޕޯޗުގަލްއަށް އެންމެ ގިނަ މެޗު (22 މެޗު) ކުޅެދީފައިވާ ކުޅުންތެރިޔާއެވެ.

މުބާރާތެއްގައި ޕޯޗުގަލް ހޯދި އެންމެ ބޮޑު މޮޅަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި އުތުރު ކޮރެއާ އަތުން 7-0 އިން މޮޅުވި މެޗެވެ. އެ މެޗުގައި ރޮނާލްޑޯގެ އިތުރުން ޓީމުގެ އެކި ކުޅުންތެރިން ވަނީ ލަނޑު ޖަހާފައެވެ.



ކިޔުންތެރިންގެ ހިޔާލު