ޖޫން 4 ގައި ސިނަމާތަކަށް ރިލީޒްކުރި ތެލެގޫ ފިލްމު "ޕެޑީ" ގައި ބަތަލާ ޖާންވީ ކަޕޫރުގެ ކެރެކްޓަރ ދައްކުވައިދީފައިވާ ގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ބޮލީވުޑްގެ ތަޖުރިބާކާރު ބަތަލާ ޖަޔާ ބައްޗަން އާއި މަޝްހޫރު ތަރި ކަރީނާ ކަޕޫރު މިކަމާ ގުޅޭގޮތުން ވާހަކަދައްކައިފިއެވެ.

ފިލްމު "ޕެޑީ" ރިލީޒްކުރި ފަހުން، އޭގައި ޖާންވީ ކަޕޫރުގެ ކެރެކްޓަރ އޯވަސެކްޝުއަލައިޒް ކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި ބަހުސްގެ ތެރެއަށް ވަދެ، "ޑެކަން ކްރޮނިކަލް" އަށް ދިން އިންޓަވިއުއެއްގައި ޖަޔާ ބައްޗަން ބުނީ، އޭނާގެ ދިގު ކެރިއަރުގައި އެއްވެސް މީހަކު އޭނާއާ މެދު އިހާނެތިކޮށް ނުވަތަ ބޭއަދަބީކޮށް އަމަލުކުރަން ނުކެރޭ ކަމަށެވެ. ނަމަވެސް، އެއް ފަހަރަކު ޑައިރެކްޓަރެއްގެ ފަރާތުން އަންހެނުން ނިކަމެތިވާ ފަދަ ގޮތަކަށް އަމަލުތަކެއް ފެނުނު ކަމަށާއި، އޭގެ ފަހުން ދުވަހަކުވެސް އެ ޑައިރެކްޓަރާއެކު މަސައްކަތް ނުކުރާ ކަމަށް ޖަޔާ ހާމަކުރިއެވެ.

މީގެ އިތުރުން، ކަރީނާ ކަޕޫރު ވެސް ވަނީ ފިލްމުތަކުގައި އަންހެނުން ދައްކުވައިދޭ ގޮތާ މެދު އޭނާގެ ޚިޔާލު ފާޅުކޮށްފައެވެ. ކަރީނާ ބުނި ގޮތުގައި އަންހެނެއްގެ ރީތިކަމާއި ޖަޒުބާތުތައް ފާޅުކުރުމަކީ ކޮންމެހެން ކުރު ހެދުން އެޅުމެއް ނޫނެވެ. އޭނާ މިސާލު ދެއްކީ "ކަބީ ޚުޝީ ކަބީ ޢަމް" ފިލްމުގައި ކާޖޮލް އަދި "ޗާންދްނީ" ފިލްމުގައި ސްރީދޭވީ ފެނިގެންދިޔަ ގޮތަށެވެ. އަދި އޭނާގެ މައިދައިތަ ޝަރުމީލާ ޓޭގޯރު "އަރާދަނާ" ފިލްމުގެ "ރޫޕް ތޭރާ މަސްތާނާ" ލަަވައިގައި މުޅި ހަށިގަނޑު ނިވާވާނެހެން ހެދުން އަޅައިގެން ހުރެވެސް، އޭނާގެ ފުރިހަމަކަން ދެއްކި ކަމަށް ކަރީނާ ފާހަގަކުރިއެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން "ޕެޑީ" ފިލްމުގެ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ ވަނީ އެކްސް މެދުވެރިކޮށް ރައްދު ދީފައެވެ. އޭނާ ބުނީ ސިނަމާއަކީ މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ތަނަކަށް ވާންޖެހޭނެ ކަމަށާއި، އެއްވެސް މީހަކަށް ނުތަނަވަސްކަން އިހުސާސްވާނެ ފަދަ ގޮތަކަށް އަންހެން ކެރެކްޓަރެއް ދެއްކުމަކީ އޭނާގެ މަގްސަދެއް ނޫން ކަމަށެވެ. އަދި އާންމުންގެ ފާޑުކިޔުންތައް ވަރަށް ސީރިއަސްކޮށް ބަލައިގަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަންހެނުންގެ އިއްޒަތާއި ގަދަރަށް އިސްކަންދޭނެ ކަމަށް އޭނާ ވައުދުވިއެވެ.

ފިލްމް "ޕެޑީ" އަކީ ޖާންވީ ކަޕޫރުގެ މުހިންމު ރޯލެއް ހިމެނޭ ފިލްމެކެވެ. ނަމަވެސް ފިލްމުގެ މޭކަރުން އޭނާގެ ކެރެކްޓަރ ބޭނުންކޮށްފައިވާ ގޮތުން ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު