ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ އަގުވައްޓާލައި، ސަރުކާރު ހިންގުމަށް ހުރަސްއެޅުމުގެ ގޮތުން އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް ޕާޓީގެ އެތެރޭގެ ބައެއް ބޭފުޅުން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވައިފިއެވެ.

އައްޑޫ ސިޓީގައި ބޭއްވި "އިތުބާރު" ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށްފަހު ސަރުކާރު ވަރަށް ބޮޑަށް ތަފާތުކޮށް، އެކަހެރިކޮށްލުމަށް ޕާޓީގެ ތެރެއިން ރޭވުންތަކެއް ރޭވި ކަމަށެވެ.

އެގޮތުން މަޖިލީހަކީ ސަރުކާރާ ވަކިން ހިނގާ ތަނަކަށް ހެދުމަށް ބާރުއަޅައި، ސަރުކާރުން ހުށަހަޅާ ކަންކަމަށް ހުރަސްއެޅުމުގެ ސަބަބުން، ކޮންމެ ކަމަކަށް މެމްބަރުންގެ ގާތުގައި އާދޭސްކުރަން ޖެހުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މަޖިލިސް ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން އަމަލުކުރެއްވީ ވަރަށް ހަޑިހުތުރުކޮށް. އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް އެ ބޭފުޅުން މަސައްކަތް ކުރެއްވީ ސަރުކާރުގެ އަގުވައްޓާލަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ހާމަކުރެއްވި ގޮތުގައި، މި ދަތިތަކުގެ ތެރެއިން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ބަރުލަމާނީ ވޯޓަކަށް އެދިވަޑައިގަތް ކަމަށާއި، އެކަމަށް އިންކާރު ކުރުމުން މުޅި ދައުރުގެ ތެރޭގައި ވެރިކަން ހިންގުމަށް ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކޮވިޑްގެ ނާޒުކު ހާލަތުގައި ވެސް ބަރުލަމާނީ ވޯޓު ނެގުމަށާއި، އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހިމެނޭހެން ތިން ވަޒީރަކު މަގާމުން ވަކިކުރުމަށް ޕާޓީގެ ތެރެއިން މަސައްކަތް ކުރި ކަމަށް ސޯލިހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މީކާއިލް ނަސީމް ހޮވުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އެ މަނިކުފާނު ވިދާޅުވީ މީކާއިލް އަކީ ވަކި ފަރާތަކަށް ނުޖެހި، ހުރިހާ މެމްބަރުން ގޮވައިގެން ކުރިއަށްދާނެ ބޭފުޅެއް ކަމަށާއި، ޕާޓީގެ ކުރިމަގު ބިނާވެފައިވަނީ އެފަދަ ލީޑަރެއްގެ މައްޗަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު