ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް ވިދާޅުވެ އެޕާޓީން ސަރުކާރު ޒިންމާދާރުކުރަން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރަން ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފުރަންޓް އޮފީހުގައި ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އިދިކޮޅެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވަމުންދާއިރު، ރަސްމީކޮށް އޮތް އިދިކޮޅު ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. ނަމަވެސް އެމްޑީޕީން ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

"ދެން މިހާރު މި ފެނިގެން މިދަނީ މުއިއްޒު މި ބްރީތު ކުރަނީ، ނޫނީ ނޭވާލެވެނީ އެމް.ޑީ.ޕީ ސްލެކްކަމުން (ބަލިކަށިކަމުން). އެބޭފުޅުންގެ ފަރާތުން މަސައްކަތްތަކެއް ނުކުރެވޭތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީއަކީ މެންބަރުން ގިނަ، އަދި އިލްމީ ގާބިލު ބޭފުޅުން ތިއްބެވި ޕާޓީއެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފް ފަދަ ކުޑަ ޕާޓީއަކުން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކާ އެއްވަރަށް (ޕެރަލަލްކޮށް) އެމްޑީޕީން ވެސް ހަރަކާތްތައް އިތުރުކޮށް، ސަރުކާރު ހަމަ މަގަށް އެޅުވުމަށް މިއަށްވުރެ މަތީ ގިއަރަކަށް މަސައްކަތްތައް ޖައްސަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބުދު ﷲ ޞާދިޤު "ސޯބެ" ކުރެއްވީ ވަރަށް ވަރުގަދަ އަދި ސާބިތު މަސައްކަތްޕުޅެއް ކަމަށެވެ. ސަރުކާރުން ހުރިހާ ވަސީލަތްތަކާއި (ރިސޯސް)، މުޅި ދައުލަތުގެ އިސް ބޭފުޅުންނާއި ޕާޓީގެ ބޮޑުން އެއްތަނަކަށް ޖަމާކޮށް "ބަނޑަހަޖަހައިގެން" ތިބެ ކުރި މަސައްކަތާ އަޅާބަލާއިރު، ލިބުނު ނަތީޖާއަކީ ސަރުކާރުން ލަދުގަންނަންޖެހޭ ވަރުގެ ނަތީޖާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ވޯޓުލާން ނިކުތް މީހުންގެ ނިސްބަތް (ޓާންއައުޓް) މިއަށްވުރެ މަތިވިނަމަ، އަދި އެމްޑީޕީން ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކޮށްލިނަމަ، ސޯބެ އެ ގޮނޑި ކާމިޔާބު ކުރެއްވީހީ މާ ބޮޑު އަގުލަބިއްޔަތަކުންނެވެ.

" މިހާރު މިދައްކަނީ އެމްޑީޕީގެ އައްޑާ އެއް ނުވަތަ ކިއްލާ އަކުން މިވަރުވީމަ ތިމަންނަ މެން މޮޅުވެއްޖެއޭ އެމީހުން (ޕީއެންސީ) މޮަަޅުވީ، ސަރުކާރުގެ މި ހުރިހާ ރިސޯސްއެއް ބަންޑުން ޖަހާލައިގެން އެ ހުރިހާ މަސައްކަތެއް ކޮށްގެން އެވަރުވީމަ، ދެން ހަމަ ލަދުވެތި، މިހާރު އެ ދައްކާ ވާހަކަތަށް ނުދައްކާ މާ ރަނގަޅުވީސް ދެއްތޮ ތިމަންނަމެންނަށް މަސައްކަތް ކޮށްދިން މީހުންނަށް ޝުކުރު އަދާކުރަމޭ ސޯބެ އަށް މަރުހަބާ ދަންނަވަމޭ އޭގެ އިތުރަށް މި ދައްކާ ވާހަކަ ދެއްކީމަ މިއެގެނީ "ހައު ހާޓް ދޭ އާރ" ސަރުކާރު ހިންގާ ޕީއެންސީ މޮޅުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އުފާފާޅުކުރަމުންދާ ދިއުމަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު