ރިޔާދު މަހްރޭޒް
ރިޔާދު މަހްރޭޒް
2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދެއްކި ފާހަގަކޮށްލެވޭ ކުޅުމަށްފަހު، އަލްޖީރިއާ އަލުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް އެނބުރި އަންނައިރު، އެ ޓީމަކީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެއް ޓީމެވެ. 2014 ގައި އެ ޓީމުން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކޮށް، ޗެމްޕިއަން ޖަރުމަނު ޓީމު ސައިޒުކޮށްލާފައެވެ.

48 ޓީމާއެކު ބާއްވާ މި ފަހަރުގެ މުބާރާތަށް ނުކުންނައިރު، ކޯޗު ލެޑިމިއަރ ޕެޓްކޮވިޗްގެ އިރުޝާދުގެ ދަށުން ކުޅޭ އަލްޖީރިއާ އޮތީ ވަރަށް ވަރުގަދަ އިތުބާރެއްގައެވެ. ތިރީގައި މިވަނީ "ލެ ފެނެކްސް" ގެ ނަމުން މަޝްހޫރު އަލްޖީރިއާގެ ވޯލްޑް ކަޕް ތާރީޚާ ގުޅޭ ތަފްސީލީ މައުލޫމާތެވެ.

ފެބްރުއަރީ 2024 ގައި އަލްޖީރިއާގެ ކޯޗުކަމާ ހަވާލުވި ޕެޓްކޮވިޗަކީ ސްވިޒަލޭންޑާއި، ތުރުކީ އަދި އިޓަލީގެ ކްލަބުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ ލާޒިއޯއާއެކު 2013 ވަނަ އަހަރުގެ ކޮޕާ އިޓާލިއާ ކާމިޔާބުކޮށް، ސްވިޒަލޭންޑް ގައުމީ ޓީމު 2018 ގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް އަދި ޔޫރޯ 2020 ގެ ކުއާޓާ ފައިނަލަށް ގެންގޮސް ދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން އަލްޖީރިއާ ވަނީ 2025 ގެ އެފްރިކާ ކަޕް އޮފް ނޭޝަންސް އަށް ކޮލިފައިވެ، 2026 ގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފައެވެ.

2026 ގެ ވޯލްޑް ކަޕްގައި އަލްޖީރިއާގެ މެޗުތައް:

16 ޖޫން: އާޖެންޓީނާ - އަލްޖީރިއާ (ކެންސަސް ސިޓީ ސްޓޭޑިއަމް)

22 ޖޫން: އުރުދުން - އަލްޖީރިއާ (ސެން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމް)

27 ޖޫން: އަލްޖީރިއާ - އޮސްޓްރިއާ (ކެންސަސް ސިޓީ ސްޓޭޑިއަމް)

ބްރެޒިލް 2014 އަށްފަހު އަލްޖީރިއާ ވޯލްޑް ކަޕަށް އެނބުރި އަންނައިރު، ޓީމުގެ ކެޕްޓަނަކީ މަޝްހޫރު ތަރި ރިޔާދު މަހްރޭޒް އެވެ. އޭނާގެ އިތުރުން ރާމީ ބެންސެބައިނީ، ނަބީލް ބެންތަލެބް އަދި އީސާ މަންޑީ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ހިމެނެއެވެ. އަދި ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު ލޫކާ ޒިދާން ވެސް މިފަހަރު އަލްޖީރިއާގެ ސްކޮޑުން ފެންނާނެއެވެ.

އަލްޖީރިއާ ވޯލްޑް ކަޕުން ޖާގަ ހޯދީ ސޯމާލިއާ 3-0 އިން ބަލިކޮށްގެންނެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން އެ ޓީމު މޮޅުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ. ކޮލިފައިންގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ 10 ލަނޑު ޖެހި މުހައްމަދު އަމޫރާ އެވެ.

އަލްޖީރިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1982 ގައެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ހުޅަނގު ޖަރުމަނު ބަލިކޮށް އެ ޓީމުން ދުނިޔެ ސިއްސުވާލިއެވެ. ނަމަވެސް ގޯލުގެ ތަފާތުން އެ ފަހަރު ދެވަނަ ބުރަށް ނުގޮސް ކެޓީއެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އަލްޖީރިއާގެ ތާރީޚުގައި އެންމެ ކާމިޔާބު މުބާރާތެވެ. އެ ފަހަރު އެ ޓީމުން ވަނީ ރަޝިޔާއާ އެއްވަރުކޮށް، ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ގަދަ 16 ގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި، އިތުރު ވަގުތާ ހަމައަށް ހިތްވަރުގަދަ ކުޅުމެއް ދައްކައި، ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ލޯބި އެ ޓީމުން ހޯދިއެވެ.

ވޯލްޑް ކަޕްގެ ތާރީޚުގައި އަލްޖީރިއާއިން މިހާތަނަށް 13 ލަނޑު ޖަހާފައިވާއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ސަލާހު އައްސާދު، އިސްލާމް ސިލިމާނީ އަދި އަބްދުލް މުއުމިން ޖާބޫ ހިމެނެއެވެ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ.

އަލްޖީރިއާއަކީ ވޯލްޑް ކަޕެއްގައި ޔޫރަޕްގެ ޓީމެއް ބަލިކުރި ފުރަތަމަ އެފްރިކާގެ ގައުމެވެ. 2026 ގެ މުބާރާތަށް އެ ޓީމު ނުކުންނަނީ މި ފަދަ އާ ރެކޯޑްތަކެއް ގާއިމުކުރުމުގެ އުންމީދުގައެވެ.



ކިޔުންތެރިންގެ ހިޔާލު