ފުލުހުން
ފުލުހުން
ފުލުހުންގެ ތަރުޖަމާންކަމުގެ މަޤާމަށް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޢަލީ އާރިފް އައްޔަނު ކޮށްފިއެވެ.

އާރިފަކީ މީގެ ކުރިން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އާރިފް އެންމެފަހުން ހުންނެވީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓްގައެވެ. އަދި އޭނާ ވަނީ ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމެންޓްގައި ވެސް މަސައްކަތް ކުރަށްވައިފައެވެ.

އާރިފް ތަރުޖަމާނަކަށް އައްޔަނު ކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝިފާން މިއަދު އެ މަޤާމުން ވަކިކުރެއްވުމަށް ފަހުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްގެ މަޤާމަށް، އޭރުގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައި ހުންނެވި އަޙްމަދު ޝިފާން އައްޔަން ކުރެއްވީ 18 ފެބްރުއަރީ 2024 ގައެވެ. އޭގެ ހަތަރު މަސް ފަހުން، 7 ޖޫން 2024 ގައި އޭނާ ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ޕްރޮމޯޓް ކޮށްފައެވެ.

ޝިފާން ތަރުޖަމާނުކަމުން މި ވަކިކުރީ، އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހަޅާފައި ވަނިކޮށެވެ.

މިބަދަލު ގެނެސްފައިވާއިރު ފުލުހުންގެ އެތެރޭގެ ހިންގުމަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު