މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމަށްފަހު، މި ހަފްތާގައި ވެސް މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން އިއުލާންކުރައްވާފައިވަނީ އެއް ހަފްތާގެ މެދުކެނޑުމަކަށްފަހު ދެން ޖަލްސާއެއް ބާއްވާނީ މާދަމާ ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ނިންމުމަށް މިހާރު މިވަނީ ބަދަލު އައިސްފައެވެ.

މި ހަފްތާގައި ޖަލްސާތައް ނުބާއްވަން ނިންމި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް ޖަލްސާތައް ބާއްވަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި ދެ ހަފްތާގެ ޗުއްޓީއަކަށް ދާން ކުރިން އޮތީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، ޗުއްޓީއަށް ނުގޮސް މިދިޔަ މަހުގެ ނިޔަލަށް ދައުރު ދިގުދަންމާލިއެވެ.

ދައުރު ދިގުކުރި މުއްދަތުގެ ތެރޭގައި ބޭއްވީ އެންމެ ޖަލްސާއެކެވެ. އެއީ މިދިޔަ ހޯމަ ދުވަހު އަހްމަދު ނާޒިމް ވަކިކުރުމަށް ބޭއްވި ޖަލްސާއެވެ. ނަމަވެސް އެ ޖަލްސާ ފެށުމުގެ ކުރިން ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޖަލްސާ ވެސް ވަނީ ވަރަށް ކުރުކޮށްލާފައެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން މި މަހު ފެށުނު ދެވަނަ ދައުރު ނިމޭނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދޮޅުމަހުގެ ޗުއްޓީއަކަށްފަހު، އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާނީ އޮކްޓޯބަރު މަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު