ރައީސް ނަޝީދު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު
ރައީސް ނަޝީދު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު
މިވަގުތު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެހެން ޕާޓީތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވުމުން، އެ ވާހަކަތަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް ޞާލިހު މިފަދައިން ވާހަކަފުޅުދައްކަވާފައިވަނީ ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ވެރިކަމަށް އައިސްފައިވާ ހުރިހާ ސަރުކާރަކީ ވެސް ކޯލިޝަނެއްގެ ތެރެއިން އައިސްފައިވާ ސަރުކާރުތައް ކަމަށެވެ.

އެމްޑީޕީގެ މެންބަރުންގެ އަދަދު 60،000 ގައި ހުރިނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށް އިތުރު 91،000 ވޯޓު ބޭނުންވާ ކަމަށާއި، އެހެންކަމުން އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ކާމިޔާބީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ނަޝީދު ވިދާޅުވީ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ އެހީތެރިކަމާ ނުލައި އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ދެކުމަކީ ބޮޑު ކުށްހީއެއް ކަމަށެވެ.

ރީނދޫ ލަޝްކަރުގެ ހަގީގީ ރޫހާއި ޖޯޝުގައި މަސައްކަތްކޮށްފިނަމަ، އެހެން ޕާޓީތަކުގެ އެހީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ކޯލިޝަން ހެދުމަކީ ކަމަކަށް "އައިސިންގް ޖަހާލުން" ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން، ނަޝީދު ވިދާޅުވީ އެމްޑީޕީން މިހާރު ކަންކަން ކުރަމުންދާ ގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީ ތައްޔާރުކުރުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމަށް ދެ ބޭފުޅުން ވެސް ދެކެވަޑައިގަންނަވައެވެ.

މި އިންތިޚާބާ ގުޅިގެން ދެ ބޭފުޅުންގެ ފެކްޝަންތަކުން ވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު