އޭޝިއާ އިން ވޯރލްޑް ކަޕަށް ކުއަލިފައި ވި 9 ޤައުމު
އޭޝިއާ އިން ވޯރލްޑް ކަޕަށް ކުއަލިފައި ވި 9 ޤައުމު
މި ޖޫން މަހުގެ 12 ވަނަ ދުވަހު އެމއެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ވެފައިމިވަނީ އޭޝިއާގެ ފުޓްބޯޅައަށް ވަރަށް ތާރީޚީ މުބާރާތެއް ގޮތުގައިއެވެ. މި މުބާރާތް 48 ޓީމަށް ބޮޑުކުރުމާ ގުޅިގެން، އޭޝިއާއަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ލިބިފައި ނުވާ ފަދަ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން، ރެކޯޑް އަދަދަކަށް، ޖުމްލަ 9 ގައުމެއް ވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ.

އެގޮތުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި އޭޝިއާގެ ނުވަ ގައުމުތަކުގެ ތެރޭގައި ޖަޕާން، އީރާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާ، ގަތަރު، ޖޯޑަން، އަދި އުޒްބެކިސްތާންގެ އިތުރުން އިރާގު ހިމެނެއެވެ.

މި ޤައުމުތަކުގެ ތެރެއިން އުރުދުން އަދި އުޒްބެކިސްތާނަކީ މުޅިން އަލަށް ވޯލްޑް ކަޕަށް ކޮލިފައިވެ ތާރީޚުގެ ތެރެއިން ޖާގަ ހޯދި ދެ ޤައުމެވެ. މި ދެ ޤައުމުގެ ކާމިޔާބީއަކީ އޭޝިއާގެ ފުޓްބޯޅައިގެ ފެންވަރު ރަނގަޅުވަމުން އަންނަކަން ހާމަކޮށްދޭ އާ ބާބެކެވެ.

ޖަޕާނުން ވަނީ އޭޝިއާގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ދެމިއޮތްކަން ސާބިތުކޮށްދީ، އެންމެ ފުރަތަމަ ކޮލިފައިވި އޭޝިއާގެ ޤައުމަށް ވެފައެވެ. އީރާނާއި ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާއިން ވަނީ އެ ޤައުމުތަކުން ވޯލްޑް ކަޕްގައި ދަމަހައްޓަމުން އަންނަ ރަނގަޅު ރެކޯޑު މިފަހަރުވެސް ދަމަހައްޓާފައެވެ.

ސައުދީ އަރަބިއްޔާ އަދި ގަތަރުންވެސް ވަނީ ކޮލިފައިންގައި މޮޅު ކުޅުމެއް ދައްކައި މުބާރާތުން ޖާގަ ހޯދާފައެވެ. ގަތަރުން މަސައްކަތް ކުރާނީ 2022 ވަނަ އަހަރުގެ މުބާރާތް ބޭއްވުމުން ލިބުނު ތަޖުރިބާގެ ބޭނުން ހިފުމަށެވެ. އަދި ސައުދީ އަރަބިއްޔާގެ އަމާޒަކީ ބައިނަލްއަގުވާމީ ފެންވަރުގައި އެ ޤައުމުން ހޯދަމުންދާ ކުރިއެރުންތައް އިތުރަށް ވަރުގަދަކުރުމެވެ.

މިފަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމަކީ އެތައް އަހަރެއްގެ މަސައްކަތަށްފަހު އުރުދުން އާއި އުޒްބެކިސްތާނުން ހޯދި ތާރީޚީ ކާމިޔާބީއެވެ. މިކަމަކީ މެދުއިރުމައްޗާއި މެދުތެރޭ އޭޝިއާގެ އެތައް މިލިއަން ސަޕޯޓަރުންނަށް ލިބުނު ބޮޑު އުފަލެކެވެ.

އޭޝިއާގެ ނުވަ ޤައުމެއް މުބާރާތަށް ހޮވުމުން ދޭހަވަނީ މުޅި ބައްރުގައި ފުޓްބޯޅަ ކުރިއަރަމުންދާ ހަލުވި މިނެވެ. ތަޖުރިބާކާރު ޓީމުތަކާއެކު އުރުދުން އާއި އުޒްބެކިސްތާން ފަދަ އާ ޓީމުތައް ބައިވެރިވުމަކީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭޝިއާގެ ފަރާތުން ބޮޑު އުންމީދުތަކެއް ކުރެވޭ ކަމެކެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މުބާރާތް ފެށުމުން، އޭޝިއާގެ ސަޕޯޓަރުންގެ އުންމީދަކީ ހަމައެކަނި ބައިވެރިވުމެއް ނޫނެވެ. އޭގެ ބަދަލުގައި، އޭޝިއާގެ ޓީމުތަކުން މުބާރާތުގެ ފަހު މަރުހަލާތަކަށް ދަތުރުކޮށް، އާ ތާރީޚެއް ލިޔުމެވެ.



ކިޔުންތެރިންގެ ހިޔާލު