ހިންދީ ސިނަމާއަކީ އިންޑިއާގެ ތަފާތު ސަގާފަތްތަކާއި މުޖުތަމައުތަކުގެ މައްޗަށް ބިނާވެފައިވާ ސިނަމާއެކެވެ. މި ސިނަމާގެ ކުރިއެރުމުގައި މުސްލިމުންގެ ދައުރު ނުހަނު ބޮޑެވެ. އެކްޓަރުންނާއި، ޑައިރެކްޓަރުންނާއި، ޅެންވެރިންގެ އިތުރުން މިއުޒީޝަނުންގެ ގޮތުގައިވެސް މުސްލިމުން ވަނީ ބޮލީވުޑްގެ ތާރީޚުގައި ނުފޮހެވޭނެ ފަދަ ޚިދުމަތްތަކެއް ކޮށްފައެވެ.

ކުރީގެ ފިލްމުތަކަށް ބަލާއިރު، "މުޣަލް-އޭ-އަޒަމް" ފަދަ އުފެއްދުންތަކުން ފެނިގެންދިޔައީ މުސްލިމް ރަސްކަލުންނާއި ތާރީޚީ ޝަހުސިއްޔަތުތަކުގެ މާތްކަމާއި ސަޤާފީ މުއްސަނދިކަމެވެ. އުރުދޫ އަދަބިއްޔާތާއި، ޅެންވެރިކަމާއި، މިއުޒިކަކީ ހިންދީ ސިނަމާގެ ވަކިނުކުރެވޭނެ މުހިންމު ބައިތަކަކަށް ވެގެންދިޔައެވެ.

1960 އާއި 1980 ގެ އަހަރުތަކުގައި އުފެއްދި "އަމަރު އަކްބަރު އެންތަނީ" އަދި "ކޫލީ" ފަދަ ފިލްމުތަކުން މުސްލިމުން ސިފަކޮށްދީފައިވަނީ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ރަމްޒުތަކެއްގެ ގޮތުގައެވެ. މި ކެރެކްޓާތަކުން ދައްކުވައިދިނީ އިންޑިއާގެ ތަފާތު ދީންތަކުގެ މީހުން އެކުގައި އުޅުމުގެ މުހިންމުކަމެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު، ސިޔާސީ އަދި އިޖުތިމާއީ ހަލަބޮލިކަމުގެ ސަބަބުން ފިލްމުތަކުން މުސްލިމުން ސިފަކުރާ ގޮތަށް ބަދަލުތަކެއް އައެވެ. ބައެއް ފިލްމުތަކުގައި މުސްލިމުންގެ އިހުސާސްތައް ވަރަށް ފުރިހަމައަށް ގެނެސްދީފައިވާއިރު، އަނެއްބައި ފިލްމުތަކުން ފެނިގެންދިޔައީ ނުރަނގަޅު ތަސައްވުރުތަކެކެވެ. ވަކިން ހާއްސަކޮށް 9/11 ގެ ހާދިސާއަށްފަހު، ޓެރަރިޒަމާ ގުޅޭ ފިލްމުތަކުން މުސްލިމް ކެރެކްޓާތައް ފެންނަ މިންވަރު އިތުރުވިއެވެ.

ނަމަވެސް، މި ހުރިހާ ބަދަލުތަކާއެކުވެސް އެއް ހަޤީގަތަކަށް ބަދަލެއް ނާދެއެވެ. އިންޑިއާގެ ސިނަމާއަށް ގަރުނަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މުސްލިމް ފަންނާނުން އަދިވެސް ތިބީ މި ސިނަމާގެ އެންމެ އުހުގައެވެ.

އެކްޓިންގެ ދާއިރާއަށް ބަލާއިރު، ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރު ޚާން ފަދަ ސުޕަސްޓާރުންނަކީ މިއަދުވެސް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ނަންތަކެވެ. އެމީހުންގެ ފިލްމުތަކަކީ އެތައް ޖީލެއްގެ މަޤުބޫލުކަން ހޯދާފައިވާ، ޒަމާނީ ބޮލީވުޑް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުފެއްދުންތަކެކެވެ.

މިއުޒިކްގެ ދާއިރާއިން އޭ.އާރް. ރަހްމާން އަދި ނައުޝާދު ފަދަ ލެޖެންޑުންނަކީ އިންޑިއާގެ އެންމެ ހުނަރުވެރި މިއުޒީޝަނުންނެވެ. ހަމައެފަދައިން، ސަމީރު އަދި ޖާވިދު އަޚްތަރު ފަދަ ޅެންވެރިންނަކީ އިންޑިއާގެ ތަރިކައިގެ ބައެއްގެ ގޮތުގައި ބެލެވޭ އެތައް ހާސް ލަވަތަކެއް އުފައްދާފައިވާ ބޭފުޅުންނެވެ.

މި ފަންނާނުންގެ ކާމިޔާބީއަކީ ހިންދީ ސިނަމާގެ ކުރިއެރުމުގައި މުސްލިމުންގެ ހުނަރާއި އުފެއްދުންތެރިކަން މަސްހުނިވެފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެކެވެ. މުސްލިމުންނާ ނުލައި ހިންދީ ސިނަމާ ފުރިހަމައެއް ނުވާނެއެވެ. އެބޭފުޅުންގެ ފަންނީ އަދި ސަގާފީ ޚިދުމަތްތަކަކީ މި ސިނަމާގެ މާޒީއާއި، މިއަދާއި އަދި މުސްތަގުބަލުގެވެސް މުހިންމު ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު