ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އިމްތިއާޒް އަލީ، އޭނާގެ ކޮލެޖް ދުވަސްވަރު ދިއްލީ ޔުނިވާސިޓީގެ ހިންދޫ ކޮލެޖްގައި އުޅުނުއިރު، ސިޔާސީ ގްރޫޕަކުން އޭނާ ރަހީނުކުރި ބިރުވެރި ހާދިސާއެއްގެ ހަނދާންތައް އައުކޮށްފިއެވެ.

"އަންފިލްޓާޑް ބައި ސަމްދިޝް" އަށް ދިން އިންޓަވިއުއެއްގައި އިމްތިއާޒް ބުނީ، އޭނާގެ ޝަޚުސިއްޔަތާއި އުފެއްދުންތެރިކަން ބައްޓަންކުރުމުގައި ކޮލެޖް ދުވަސްވަރުގެ ދައުރު ބޮޑު ނަމަވެސް، އެ ދުވަސްވަރު ހިނގި މި ހާދިސާއަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.

އިމްތިއާޒް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ކޮލެޖްގެ ހޮސްޓެލްގެ ފާރުގައި ހަރުކުރި ސިޔާސީ ޕޯސްޓަރެއްގެ މައްސަލައިގައެވެ. އެ ދުވަސްވަރު ދިއްލީ ޔުނިވާސިޓީގައި އެން.އެސް.ޔޫ.އައި އާއި އޭ.ބީ.ވީ.ޕީ އާ ދެމެދު އޮންނަ ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑެވެ.

ހާދިސާ ކިޔައިދެމުން އިމްތިއާޒް ބުނީ، ބަޔަކު މީހުން ހޮސްޓެލްގެ މައި ފާރުގައި ޕޯސްޓަރެއް ހަރުކުރުމުން، އެ ފާރުގައި އެ ނުޖެހުމަށާއި އަރިމަތީ ފާރުގައި ޖެހުމަށް އޭނާ އެދުނު ކަމަށެވެ. ނަމަވެސް އެމީހުން ގަސްތުގައި މައި ފާރުގައި ޕޯސްޓަރު ހަރުކުރުމުން، އިމްތިއާޒް ވަނީ އެމީހުންގެ ކުރިމަތީގައި އެ ޕޯސްޓަރު ނައްޓާލުމަށްފަހު އަރިމަތީ ފާރުގައި ހަރުކޮށްފައެވެ.

މިކަން ހިނގިތާ މަދު ދުވަސްކޮޅެއް ފަހުން، ދަންވަރު 2 ޖަހާކަންހާއިރު ބަޔަކު މީހުން އޭނާ ހޯދަން އަންނަ ކަމުގެ ޚަބަރު ހޮސްޓެލްގެ ކުއްޖަކު ދިނެވެ. އިމްތިއާޒް ބުނި ގޮތުގައި އެމީހުން އޭނާ ރަހީނުކޮށްގެން ގެންދިޔައީ ބައިސްކަލް ރިކްޝާއެއްގައެވެ. އެމީހުން އޭނާ ގެންދިޔައީ ޔުނިވާސިޓީ ސަރަހައްދުގައި ހުރި ސަރުކާރުގެ ކުއާޓަރެއް ކަހަލަ ތަނަކަށެވެ.

އެތަނަށް ގެންގޮސް، ސިޔާސީ ޕާޓީއަކާ ގުޅުން އޮންނަ ގޭންގު ލީޑަރެއްގެ ކުރިމައްޗަށް އިމްތިއާޒް ހާޒިރުކުރެވުނެވެ. އެ ލީޑަރު ސުވާލުކުރުމުން އިމްތިއާޒް ކިޔައިދިނީ އޭނާ ޕޯސްޓަރު ވީދާނުލާ ކަމަށާއި، ހަމައެކަނި އިމާރާތުގެ ރީތިކަން ގެއްލޭތީ އެހެން ފާރަކަށް ބަދަލުކުރީ ކަމަށެވެ.

މި ވާހަކަ ދެއްކުމުގެ ތެރޭގައި، އިމްތިއާޒް ޕޯސްޓަރު ވީދާލި ކަމަށް ބުނެ ދޮގު މައުލޫމާތު ދިން މީހާގެ މައްޗަށް ގޭންގު ލީޑަރު ރުޅިގަދަވިއެވެ. އަދި ދޮގު ހެދުމުން އެމީހާގެ ކޮލަށް ދެ ފަހަރު ޖެހުމަށްފަހު، އިމްތިއާޒް ދޫކޮށްލީ ކަމަށް އޭނާ ބުންޏެވެ.

1993 ވަނަ އަހަރު ހިންދޫ ކޮލެޖުން ދަސްވެނިވި އިމްތިއާޒް ބުނީ، ކޮލެޖް ދުވަސްވަރު އޭނާ ބައެއް ނުރަނގަޅު ކަންތައްތަކާއި ގާނޫނާ ޚިލާފު ކަންތައްތަކުގައި ވެސް އުޅެވުނު ކަމަށެވެ.

މަސައްކަތުގެ ދާއިރާއަށް ބަލާއިރު، އިމްތިއާޒް އަލީ ދެން އެންމެ އަވަހަށް ފެންނާނީ އޭނާ ޑައިރެކްޓްކުރާ ފިލްމު "މައިން ވާޕަސް އާއުންގާ" އިންނެވެ. މި ފިލްމުގައި ދިލްޖީތު ދޯސާންޖް، ނަސީރުއްދީން ޝާހް އަދި ޝަރްވަރީ ފަދަ ތަރިން ފެނިގެންދާނެއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު