ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު ހަމަވެ، ކިޔޫތައް ބަންދުކޮށްފިއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުން ކުރިން ނިންމުމަށް ހަމަޖެހިފައި އޮތީ ހަވީރު 4:00 އަށެވެ. ނަމަވެސް، ވޯޓުލާން ދިޔަ މީހުންގެ އަދަދު ގިނަވެ ކިޔޫތައް ދިގުވުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފައެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި، 5:00 ޖެހުމާއެކު ކިޔޫތައް ބަންދުކުރި ނަމަވެސް، އެ ވަގުތާ ހަމައަށް ކިޔޫގައި ތިބި ހުރިހާ ރައްޔިތުން ވޯޓުލާ ނިމުމުން ނޫނީ ފޮށިތައް ބަންދެއް ނުކުރާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހަވީރު 4:00 އާ ހަމައަށް 2,563 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 1,193 ފިރިހެނުންނާއި 1,370 އަންހެނުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ޖުމްލަ 4,121 މީހުންގެ ތެރެއިން 62.19 އިންސައްތަ މީހުންނެވެ. މި ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 2,073 އަންހެނުންނަށާއި 2,048 ފިރިހެނުންނަށެވެ.

މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 7 ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބެހެއްޓި 5 ފޮއްޓާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގައި ބެހެއްޓި 2 ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ގުނަން ފަށާނީ ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ކަމަށެވެ. އަދި ވޯޓު ގުނައި ނިމުނުހާ އަވަހަކަށް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް