ކުރީގެ ވަޒީރު ނާޒިމް
ކުރީގެ ވަޒީރު ނާޒިމް
ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ އިސް މަގާމަކަށް އައްޔަން ކުރަށްވައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން، މިދިޔަ ހަފްތާގައި ނާޒިމް ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަން ކުރަށްވާފައެވެ.

މި ސަރުކާރުގައި ނާޒިމް ފުރަތަމަ އަދާކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމެވެ. އޭގެފަހުން ކެބިނެޓަށް ގެނައި ބަދަލުތަކާއެކު، ސެޕްޓެމްބަރު 30، 2024 ގައި އޭނާ ވަނީ ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންފައެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ނާޒިމް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޒިމް އިބްރާހީމް ހެލްތު މިނިސްޓަރުގެ މަގާމު އެންމެ ފުރަތަމަ ފުރުއްވިީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭގެފަހުން ނާޒިމް ވަނީ ހިންނަވަރު ދާއިރާގެ ރައްޔިތުން މަޖިލިސް ގޮނޑިއަށް ވެސް ވާދަކުރަށްވާފައެވެ. ނަމަވެސް ނާޒިމަށް ގޮނޑި ކާމިޔާބުވެފައެއް ނުވެއެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު 10 ވަޒީރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނާޒިމްގެ އިތުރުން، އެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބައެއް އެހެން މިނިސްޓަރުންނަށްވެސް މިހާރު ވަނީ ސަރުކާރުގެ އެކި ދާއިރާތަކުން އިސް މަގާމުތައް ދެއްވާފައެވެ.

އެގޮތުން، ކުރީގެ ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ގަތަރުގެ ސަފީރުކަމަށް އައްޔަންކުރަން ނިންމަވާފައިވާއިރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ޔޫއޭއީގެ ސަފީރަކަށް އައްޔަންކުރެއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް