މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ޖެހިފައިވާ 11 މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން މި ބައްޔަށް ފައްސިވި ދެ މީހަކު ވަނީ ފެނިފައެވެ. މިއަހަރުގެ ތެރޭގައި އެންމެ ފުރަތަމަ ހިމަބިހީގެ ކޭސްތަކެއް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅު މާލެ ސަރަހައްދުންނެވެ. މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލިޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެޗްޕީއޭއިން މިހާރު އަންނަނީ ބާރުގަބޫލުގައި ކުރަމުންނެވެ.

ހިމަބިއްސަކީ މީސްލްސް ވައިރަސްގެ ސަބަބުން ޖެހޭ، ނޭވާލާ ނިޒާމުގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ދޫވާ ވައިރަސް، ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.

މި ބަލީގެ އަލާމާތްތަކަށް ބަލާއިރު، ބޮޑަށް ފާހަގަކުރެވެނީ ގަދައަށް ހުންއައުމާއި، ނޭފަތުން އަރިދަފުސް ފޭބުމާއި، ލޮލުރޯގާގެ އަލާމާތްތައް ފެނުމުގެ އިތުރުން އަނގައިގެ ތެރޭގައި ރަތްކުލައިގެ ތިކިތަކެއް ނުވަތަ ފޮޅުތަކެއް ނެގުމެވެ. އަދި ބަލިޖެހޭތާ ހަތަރު ވަނައަށްވާ ދުވަހު މޫނުމަތިން ފެށިގެން ހަށިގަނޑުގެ އެކި ތަންތަނަށް ތުނި ރަތް ބިހިތަކެއް ފެތުރެން ފަށައެވެ. މި ބިހިތައް އާންމުކޮށް ފަސް ދުވަސް ވަންދެން ހަށިގަނޑުގައި ހުރެއެވެ.

އެޗްޕީއޭއިން އިލްތިމާސްކުރަނީ ހުންއައިސް، ގައިގައި ބިހި ނަގާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހޮސްޕިޓަލަށް ދާއިރު އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި މާސްކް އެޅުމަށްވެސް ވަނީ އިރުޝާދުދީފައެވެ.

ރާއްޖޭގައި ހިމަބިހިން ރައްކާތެރިވުމަށްޓަކައި ގައުމީ ވެކްސިން ތާވަލުގެ ދަށުން ކުޑަކުދިންނަށް 9 މަހުގައި މީސްލްސް ވެކްސިން ދެމުންގެންދެއެވެ. އެހެންކަމުން، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.



ކިޔުންތެރިންގެ ހިޔާލު