މަޝްހޫރު ހޮޓެލް ބުކިން ސައިޓެއް ކަމަށްވާ "ބުކިން ޑޮޓްކޮމް" ގެ ނަމުގައި ރީފަންޑެއް ދޭން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލުމަށް އައު ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ، އެކަމަށް އާންމުން ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، މި ދުވަސްވަރު ފޮނުވަމުންދާ މި މެސެޖުތަކަކީ ކާޑުގެ މައުލޫމާތު ވަގަށް ނެގުމަށް ސްކޭމަރުން ބޭނުންކުރާ "ފިޝިން ލިންކު" ތަކެކެވެ. މި މެސެޖުތަކުގައި ބުނެފައިވަނީ ރީފަންޑުގެ ގޮތުގައި ދޭންޖެހޭ ފައިސާ މިހާރު ތައްޔާރުކުރެވިފައިވާ ކަމަށާއި، އެ ފައިސާ ޓްރާންސްފާ ކުރުމަށްޓަކައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބޭންކް ކާޑުގެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށެވެ.



މި ނުރައްކާތެރި އަމަލާ ގުޅިގެން ފުލުހުން ވަނީ އާންމުންނަށް މުހިންމު އިރުޝާދުތަކެއް ދީފައެވެ. އެގޮތުން، މެސެޖުތަކުގައި ހިމެނޭ އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.

އަދި ބުކިންއަކާ ގުޅޭގޮތުން ލިބޭ މެސެޖެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މެސެޖުގައިވާ ލިންކު ބޭނުންކުރުމުގެ ބަދަލުގައި، ބުކިން ޑޮޓްކޮމްގެ ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ޗެކްކުރުމަށް ފުލުހުން އިރުޝާދު ދެއެވެ.

މީގެ އިތުރުން، މިފަދަ ލަނޑުދަނޑިތަކުން އެހެން މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ޝާއިއުކުރާ ހޭލުންތެރިކަމުގެ މައުލޫމާތުތައް ވީހާވެސް ގިނަ ފަރާތްތަކާ ހިއްސާކޮށްދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު