މިއަދު މެންދުރުފަހު 1:00 އަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށް، މަޖިލީހުގެ ނައިބު ރައީސަކު ހޮވުމުގެ މަސައްކަތް މާދަމާއަށް ފަސްކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ، 1 ޖޫން ވާ ހޯމަ ދުވަހުއެވެ. މިއަދަށް ތާވަލުކުރި ޖަލްސާ ކުއްލި ގޮތަކަށް ފަސްކުރި ސީދާ ސަބަބެއް މަޖިލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ، އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްފައި އޮތް ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.

ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، އޭނާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނަންގަވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރައްވާފައިވާ ކަމުގެ ތުހުމަތުވެސް އެ ގަރާރުގައި ކޮށްފައިވެއެވެ.

ނަމަވެސް، އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ނާޒިމް ވަނީ އޭނާގެ މައްޗަށް ކުރެވޭ އެންމެހާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި އޭނާ މަގާމުން ދުރަށް ވަޑައިގަތީ މަޖިލީހުގެ މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރެއްވުމުގެ ގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު