ދުންފަތުގެ ނުރައްކާތަކުން އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަކީ އެންމެންގެ ގުޅިފައިވާ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ދުންފަތާއި އެ ނޫންވެސް ޒުވާނުންނަށް އަމާޒުކޮށްގެން މާކެޓްކުރަމުންދާ ނުރައްކާތެރި އުފެއްދުންތަކުން ޖީލުތައް ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ ނިކޮޓީންގެ ވަބާއިން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ދުންފަތުގެ އިސްތިއުމާލު ނުކުރާ މުޖުތަމައެއް ބިނާކުރުމަށްޓަކައި މިހާތަނަށް ތާރީޚީ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވަމުން، މެޑަމް ސާޖިދާ ވިދާޅުވީ މިކަމުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ތަޢުލީމު ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލެއްވީ، އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ، ސިއްހަތު ސަލާމަތުން ހުރި ޖީލެއް ބިނާކުރެވި، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އުޖާލާ މުސްތަޤުބަލެއް ހޯދައިދެވޭނެ ކަމުގެ އުންމީދާ އެކުގައެވެ.

ކޮންމެ އަހަރަކުވެސް މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރު އަމާޒުކޮށްފައިވަނީ ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްކުރުމުގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު