ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވި ޢިއްޒަތްތެރި ޝަހީދުންނާއި ޖިހާދުކުރެއްވި ހިތްވަރުގަދަ ޤައުމީ ބަޠަލުންގެ މަތިވެރި ޒިކުރާ އައުކުރައްވައި، އެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދުޢާ ދަންނަވައިފިއެވެ.

ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ޝާއިޢުކުރެއްވި ޚާއްޞަ މެސެޖުގައި، ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަނީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެއިތުރުން، މި ލޮބުވެތި ދިވެހި އުންމަތް އަބަދުމެ މިނިވަންކަމާއި އަމާންކަންމަތީ ލަހައްޓަވައި، ޤައުމަށް ބާއްޖަވެރިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންވެސް އެކަމަނާ ވަނީ މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

މިއަދަކީ ދިވެހިންގެ މަދު ޚާއިނުންތަކަކާ ގުޅިގެން، ބޭރުގެ ކުލީ ސިފައިންގެ ޓެރަރިސްޓް ޖަމާޢަތަކުން މީގެ 38 އަހަރު ކުރިން ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ޤައުމަށް ޢަޒުމް ވަރުގަދަ ދިވެހި ސިފައިން ފަޚުރުވެރި ނަޞްރު ހޯދައިދިން ތާރީޚީ ދުވަހެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިން މި ޢުދުވާނީ ޙަމަލާއަކީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ދިން މި ޓެރަރިސްޓް ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.

ދިވެހި ޤައުމަށް ނަޞްރާއި ކާމިޔާބު ލިބުނު މި މަތިވެރި ދުވަސް، ރާއްޖޭގައި ރަސްމީކޮށް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް