ރައްޔިތުންގެ މަޖިލީހުން ލިބޭ ރަސްމީ މުސާރަ ފިޔަވައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނަށް އިތުރު އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އެ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ރޭ ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ބުނެ "ޢަދަދު" ނޫހުން ފަތުރާފައިވާ ޚަބަރަކާ ގުޅިގެން، އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، ޝުޖާޢު ވަނީ އެ ނޫހުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަން ހާމަކުރައްވައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީގެ މެމްބަރުންނަށްވެސް ލިބެނީ އެމްޑީޕީ އާއި މަޖިލީހުގެ އެހެނިހެން މެމްބަރުންނަށްވެސް ލިބޭ ފަދައިން، މަޖިލީހުން ރަސްމީކޮށް ކަނޑައަޅާފައިވާ މުސާރައެވެ.ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބެނީ ޖުމްލަ -/.82,500 ރުފިޔާ (އަށްޑިހަ ދެހާސް ފަސްސަތޭކަ ރުފިޔާ) އެވެ.



"ދޮގު ޚަބަރު ފަތުރައި، ފިތުނަ އުފައްދައިގެން މި ގްރޫޕް ރޫޅާލެވޭނެ ކަމަށް ދެކުމީ މޮޔަކަމެއް،" ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނިންމަންޖެހޭ މުހިއްމު ނިންމުންތައް ނިންމުމަށް ކަމުގެ ޔަޤީންކަން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ދެއްވިއެވެ.

ޝުޖާޢު މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ދެއްވާ 50،000 ރުފިޔާ، ދެ މަހުގެ މެދުކެނޑުމަކަށްފަހު މި މަހު އަލުން ދީފައިވާ ކަމަށް "އަދަދު" ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. ޕީއެންސީ މެންބަރަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، މި ފައިސާ މެންބަރުންނާ ހަވާލުކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ދަނޑިވަޅެއްގައިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު