ގއ ކޮލަމާފުށީ
ގއ ކޮލަމާފުށީ
ހުވަދޫ އަތޮޅު އުތުރުބުރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކީ ގުދުރަތީ ރީތިކަމާއި މުއްސަނދި ތާރީޚެއް އޮތް ކޮލަމާފުށްޓެވެ. މި ރަށަށް "ކޮލަމާފުށި" މި ނަން ދެވިފައިވާ ގޮތާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، މިއީ ޖިއޮގްރަފީ ގޮތުން ރަށް އުފެދިފައިވާ ގޮތާ ވަރަށް ބޮޑަށް ގުޅިފައިވާ ނަމެކެވެ.



ކޮލަމާފުށީ


ތާރީޚީ ދިރާސާވެރިން ބުނާ ގޮތުގައި، މީގެ އަހަރުތަކެއް ކުރިން މި ރަށުގެ ކައިރީގައި "ކޮލާ" ކިޔާ ފަޅު ރަށެއް އޮތެވެ. ޒަމާނަށް އައި ބަދަލުތަކާއެކު، ހަނި ކަނޑުއޮޅިއަކުން ވަކިވެފައި އޮތް މި ދެ ރަށް ގުޅި، އެއްގަމުން ދަތުރުކުރެވޭ ގޮތް ވުމުން، "ކޮލާ" އާއި ބޮޑު ރަށުގެ މާނަދޭ "މާފުށި" އެއްކޮށްލައިގެން "ކޮލަމާފުށި" މި ނަން އުފެދިގެން އައީއެވެ.

ޖިއޮގްރަފީ ގޮތުން ބަލާއިރު ކޮލަމާފުށްޓަކީ ހުވަދޫ އަތޮޅުގެ އެހެން މީހުން އުޅޭ ރަށްރަށާ ވަރަށް އެކަހެރިކޮށް އޮންނަ ރަށެކެވެ. އެންމެ ކައިރީގައި އޮންނަ މީހުން އުޅޭ ރަށަށް ދިއުމަށްވެސް ގާތްގަނޑަކަށް 20 ކިލޯމީޓަރުގެ ކަނޑުގެ ދަތުރެއް ކުރަންޖެހެއެވެ. މި އެކަހެރިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައްޔާއި، ބަލިމީހުން އުފުލުމާއި ޒަރޫރީ ބޭނުންތައް ފުއްދުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. މިފަދަ އެކަހެރި ރަށަކަށް ވައިގެ މަގުން ގުޅާލެވޭނެ އެއާޕޯޓެއް އޮތުމަކީ ރަށުގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި މުހިންމު ކަމެކެވެ. އެއާޕޯޓެއްގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްވެ، ކޮލަމާފުށީގައި ހުރި ތަފާތު ގުދުރަތީ ވަސީލަތްތަކާއި ރަށުގެ ރީތިކަން ދުނިޔެއަށް ހުޅުވާލައި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ލިބޭނެ އެންމެ ބޮޑު ބާރަކަށް އެކަން ވެގެންދާނެއެވެ.



ކޮލަމާފުށި ތުޑި


ގއ. އަތޮޅަށް ފަހިވާ ކަނެކްޓިވިޓީތަކުގެ ތެރެއިން ކޮލަމާފުށި ކައިރީގައި ޑޮމެސްޓިކް އެއާޕޯޓެއް ހެދުމަކީ ކައިރި ކަމެއް ކަމަށް 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ކޮލަމާފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް އެ ރަށު ފަޅުގައި ޓޫރިޒަމްގެ މަޝްރޫއެއް ހިންގަވާނެ ކަމަށާއި، އެ މަޝްރޫއާއެކު ޑޮމެސްޓިކް އެއާޕޯޓަކަށް ކުރާ އުންމީދު ހަގީގަތަކަށް ވާނެ ކަމަށެވެ. މިއީ މުޅި ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ފުދުންތެރިކަން މުޅިން އާ ހިސާބަކަށް ގެންގޮސްދޭނެ ކަމެއް ކަމަށް ރައްޔިތުން ދެކެއެވެ.



ރައީސް މުއިއްޒު ކޮލަމާފުށީ ރައްޔިތުންނާއި ބައްދަލު ކުރުން


އެއާޕޯޓަކީ ކޮލަމާފުށީ ރައްޔިތުން ދެކޭ ފޮނި ހުވަފެނެކެވެ. މީގެ އަހަރުތަކެއް ކުރިން "ކޮލާ" އާއި "މާފުށި" ގުޅިގެން ދިޔަ ފަދައިން، ވައިގެ ދަތުރުފަތުރުގެ ނިޒާމަކުން ކޮލަމާފުށި މުޅި ދުނިޔެއާ ގުޅިގެން ދިއުމަކީ ރަށުގެ ތަރައްގީއަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ރައީސް މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު ފެއްޓެވުމަށް ކުރައްވާ މަސައްކަތާއެކު، ކޮލަމާފުށީގެ އެކަހެރިކަން ނިމުމަކަށް އަންނާނެ ކަމުގެ އުންމީދު މިއަދު އޮތީ ވަރަށް ބޮޑަށެވެ.



ކިޔުންތެރިންގެ ހިޔާލު