ހިމަބިއްސަށް ޖަހާ ވެކްސިން
ހިމަބިއްސަށް ޖަހާ ވެކްސިން
މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ގެ ކޭސްތަކެއް ފެންނަމުންދާތީ، އެ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، މި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ވަނީ މި ބަލީގެ 9 ކޭހެއް ފެނިފައެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ދަނީ ބަލި ޖެހުނު މީހުންނާ ގާތުން ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކުރުމުގެ އިތުރުން ބޭނުންވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ރާއްޖެއިން ހިމަބިހި ނައްތާލެވިފައި އޮތް އޮތުން ދެމެހެއްޓުމަށާއި، ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މުޅި އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ކެމްޕޭނުގެ މަގުސަދަކީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް އެ އެޖެންސީން މައުލޫމާތު ދެއެވެ.

ސިއްހީ މާހިރުން އިރުޝާދު ދޭ ގޮތުގައި، މީގެ ކުރިން ހިމަބިހީގެ ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ވެކްސިން ޖެހުމަކީ ބަލީގެ ނުރައްކާ ކުޑަކޮށްދީ، ފުރާނައަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބައްޔަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ބޭރަށް ނުކުންނައިރު މާސްކު އެޅުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު