މާލޭގެ ޑްރަގް ކެފޭއެއް-
މާލޭގެ ޑްރަގް ކެފޭއެއް-
ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދާ ކަމަށް ތުހުމަތުކުރެވޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.

ފުލުހުންގެ މުއައްސަސާއިން މިއަދު ބުނީ، ކޯޓު އަމުރުގެ ދަށުން ބަންދުކުރުމަށް ނިންމާފައިވަނީ އެ ރަށު ފުނާޑު، ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިނުމަށް ޚާއްޞަކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އެތަނަކީ ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމުގެ އިތުރުން، ކެފޭ އުސޫލުން އެ ތަކެތި ބޭނުންކުރުމުގެ ފުރުސަތު ދެމުންދާ ތަނެކެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން 85 ދުވަހުގެ މުއްދަތަށް ނެރުނު މި އަމުރަކީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ފުވައްމުލައް ސިޓީގައި މިފަދަ ތަނެއް ބަންދުކުރުމަށް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަން ފުލުހުން ފާހަގަކުރެއެވެ.

ފުލުހުން ބުނީ، ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މުއްދަތުގައި އެ ތަނަށް ހުއްދައާ ނުލައި ވަދެނުކުމެ އުޅުމަކީ ކުށެއް ކަމަށެވެ. އަދި މި އަމުރާ ޚިލާފުވާ ފަރާތްތަކަށާއި، އެ ތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ އިތުރު ތަންތަން ހޯދައި، ގާނޫނީ އިމުގެ ތެރެއިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ފުލުހުންގެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލަކު ޑްރަގްކެފޭއެއް ބަންދު ކޮށްފައިވާއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އެ އޮޕަރޭޝަން ފެށި ދުވަހު ސަތޭކައެއްހާ މީހުން ފުލުހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އޮޕަރޭޝަނާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ފަހުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު