ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ބާއްވާ ޖަލްސާ، މި ހިނގާ ދައުރުގެ އެންމެ ފަހު ޖަލްސާގެ ގޮތުގައި އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިންމައި، 73 މެންބަރުންގެ ސޮޔާއެކު މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމުން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސްގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި މައްސަލަ ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައަޅާފައެވެ. އެގޮތުން، މި މައްސަލައަށް މުޅިއެކު އެއް ގަޑިއިރު ހޭދަކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން މެންބަރުންގެ ބަހުސަށް 50 މިނެޓް ހާއްސަކޮށްފައިވާއިރު، އަމިއްލަ ދިފާއުގައި ވާހަކަދެއްކުމަށް ނާޒިމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ނާޒިމްގެ މައްޗަށް ހުށަހަޅާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، ފިތުނަ އުފައްދައި މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ. މީގެ އިތުރުން، އޭނާ ވަނީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައި ކަމަށާއި، މެންބަރުންގެ ވާޖިބުތަކަށް ހުރަސްއަޅައި ޒިންމާއިން ބަރީއަވެފައިވާ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ. ނަމަވެސް، މި ބޮޑެތި ތުހުމަތުތަކުގެ ސީދާ ތަފްސީލެއް އެ ގަރާރަކުން ސާފެއް ނުވެއެވެ.

އާދިއްތަ ދުވަހުގެ ޖަލްސާއަކީ މި ހިނގާ މަޖިލީހުގެ ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށްވާއިރު، މި ޖަލްސާގައި ނާޒިމް މަގާމުން ވަކިކުރުމާ މެދު މެންބަރުން ގޮތެއް ނިންމާނެއެވެ. ނާޒިމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައި މިވަނީ، ސަރުކާރާއި ނާޒިމާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު