މަޝްހޫރު އެކްޓަރު ދަނުޝް ލީޑް ރޯލުން ފެނިގެންދާ ކްރައިމް ތުރިލާ "ކާރާ" މިއަދު ނެޓްފްލިކްސް މެދުވެރިކޮށް ޑިޖިޓަލްކޮށް ރިލީޒްކުރުމާއެކު، މި ފިލްމަށް ބޮޑު ސަމާލުކަމެއް ލިބެން ފަށައިފިއެވެ.

ވިގްނޭޝް ރާޖާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކުގައި ދައްކަން ފެށީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް، ސިނަމާތަކުގައި މި ފިލްމަށް ލިބުނީ އާދައިގެ ތަރުހީބެކެވެ. ބައެއް ބެލުންތެރިން ފިލްމުގެ ސްކްރީންޕްލޭ ލަސްކަމަށާއި ފިލްމު މާ ބޮޑަށް އަސަރުގަދަ ކަމަށް ބުނެ ނެގެޓިވް ރިވިއުތަކެއް އޭރު ދީފައިވެއެވެ.

އެހެންނަމަވެސް، މިއަދު ނެޓްފްލިކްސްއަށް މި ފިލްމު އައުމާއެކު ސޯޝަލް މީޑިއާގައި މިހާރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ސިނަމާތަކުން މި ފިލްމު ބަލަން ނުދިޔަ ގިނަ ބަޔަކު މިހާރު އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. ބައެއް ފޭނުން ބުނާ ގޮތުގައި ކުރިން ލިބުނު ނެގެޓިވް ރިވިއުތަކުގެ ސަބަބުން މިފަދަ މޮޅު ފިލްމެއް ސިނަމާއިން ބަލާލުމުގެ ފުރުސަތު ގެއްލުނީތީ ހިތާމަކުރެއެވެ.

މިގޮތުން އެކަކު ސޯޝަލް މީޑިއާގައި ލިޔެފައިވަނީ، "މި ފިލްމު ފާހަގަކުރަން އަހަރެމެންނަށް ނުކުޅެދުނީ ކީއްވެ؟ އޮންލައިން ރިވިއުތަކަށް ބަލާފައި އަހަރެން ސިނަމާއަށް ނުދިޔައީ، އެކަމަކު ފެށުނީއްސުރެ ނިމެންދެން މިއީ ވަރަށް މޮޅު ފިލްމެއް. މިއީ މިއަހަރުގެ އެންމެ މޮޅު އެއް ފިލްމު،" ކަމަށެވެ. އަދި ބައެއް ބެލުންތެރިން ވަނީ ދަނުޝް އާއި ޑައިރެކްޓަރުގެ ކިބައިން މާފަށްވެސް އެދިފައެވެ.

ފިލްމުގެ "އިންޓަވަލް ބްލޮކް" އާއި ބޭންކް ރޮބަރީ ސީންތަކަށް ބެލުންތެރިންގެ ހާއްސަ ތައުރީފެއް އަންނަނީ ލިބެމުންނެވެ. ގިނަ ބަޔަކު ބުނަނީ ކްރައިމް ތުރިލާ އެލެމެންޓްތަކާއެކު ގެނެސްދީފައިވާ އަސަރުގަދަ މަންޒަރުތައް ވަރަށް ފުރިހަމަ ކަމަށެވެ. ނަމަވެސް، އަދިވެސް ބައެއް ބެލުންތެރިން ދެކޭގޮތުގައި ފިލްމުގެ ސްޕީޑް ބައެއް ދިމާދިމާލުން ލަހެވެ.

މި ފިލްމުގައި ދަނުޝްގެ އިތުރުން މަގުބޫލު ތަރިން ކަމަށްވާ މަމީތާ ބައިޖޫ، ކޭ.އެސް ރަވީކުމާރު، ކަރުނާސް، ސޫރަޖް ވެންޖަރަމޫދޫ އަދި ޖަޔަރާމް ފެނިގެންދެއެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ޖީ.ވީ ޕްރަކާޝް ކުމާރެވެ.



ބޮޑު ބަޖެޓަކުން އުފެއްދި "ކާރާ" އަށް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް ލިބޭނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، ސިނަމާތަކުން އެ ފިލްމަށް ލިބުނީ ގާތްގަނޑަކަށް 50 ކްރޯޑް ރުޕީސްއެވެ. ނަމަވެސް ނެޓްފްލިކްސްއާއެކު މި ފިލްމުގެ މަގުބޫލުކަން އަނެއްކާވެސް މިވަނީ އުފުލިފައެވެ.

ދަނުޝް މިހާރު މަސައްކަތް ކުރަމުންދަނީ ޑައިރެކްޓަރު ރާޖްކުމާރު ޕެރިއަސާމީގެ ފިލްމެއްގައެވެ. މި ފިލްމުން މަޝްހޫރު އެކްޓަރު މަމޫތީ ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު