މައްސަލާގައި ހައްޔަރުކުރި މީހުން
މައްސަލާގައި ހައްޔަރުކުރި މީހުން
ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ދެން ހިމެނޭ އެކަކު ވަނީ އެހެން މުއްދަތަކަށް ބަންދުކޮށްފައެވެ. ހައްޔަރުކުރި ފަސް މީހުންނަކީ ވެސް ބިދޭސީންނެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިދިޔަ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަފްސީލް ހާމަކުރަމުން މާރިޗު 27 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ރަހީނުކުރި މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އެ މީހާ ފެނިފައިވަނީ ވިލިމާލެއިންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، މީހުން ރަހީނުކުރުމާއި، މާރާމާރީ ހިންގުން ހިމެނެއެވެ.

މި މައްސަލައަކީ ބިދޭސީން ދެގްރޫޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކެއްގެ ތެރެއިން ހިނގި ކަމެއް ކަމަށް ބެލެވޭއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު