އާސެނަލް ސަޕޯޓަރުން
އާސެނަލް ސަޕޯޓަރުން
އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި 22 އަހަރަށްފަހު އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލަށް ލީގު ތަށި ކަށަވަރުވީ، ތަށި ހޯދުމަށް މަސައްކަތް ކުރަމުންދިޔަ މެންޗެސްޓަރ ސިޓީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބޯންމައުތާ ވާދަކޮށް 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ.

ލީގުގެ ރޭހުގައި ދެމިއޮތުމަށް މެންޗެސްޓަރ ސިޓީއަށް މި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތް ނަމަވެސް، ބޯންމައުތުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި ސިޓީ ހިފަހައްޓާފައެވެ. މިއާއެކު ބޯންމައުތުން ވަނީ ބަލިނުވެ 17 މެޗު ހަމަކޮށް، އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ކަށަވަރުކޮށްފައެވެ.

ވޭތުވެދިޔަ ތިން ސީޒަނުގައިވެސް ތާވަލުގެ ދެވަނައިގައި ނިންމާލަން ޖެހުނު މިކޭލް އާޓެޓާގެ އާސެނަލުން މިވަނީ ހަ އަހަރުގެ ތަށީގެ ހުސްކަމަށް ނިމުމެއް ގެނެސް، އެ ކްލަބުގެ 14 ވަނަ ލީގު ތަށި އުފުލާލާފައެވެ. މިދިޔަ ހޯމަ ދުވަހު ބާންލީ އަތުން 1-0 އިން މޮޅުވެ، އާސެނަލުން ވަނީ ސިޓީގެ މައްޗަށް ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ސިޓީ އަތުން މިދިޔަ މަހު ބަލިވި ނަމަވެސް، އޭގެ ފަހުން އާސެނަލުން ވަނީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ޖެހިޖެހިގެން ހަތަރު މެޗު ކާމިޔާބު ކޮށްފައެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އާސެނަލަށް މަރުހަބާ ކިޔާފައެވެ. "އާސެނަލް، އާޓެޓާ، އެޓީމުގެ މުވައްޒަފުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންނަށް ޕްރިމިއާ ލީގު ކާމިޔާބު ކުރުމުން މަރުހަބާ ކިޔަން. ތިޔައީ މި ކާމިޔާބީގެ ހައްގުވެރިން." ގާޑިއޯލާ ބުންޏެވެ.

މި ކާމިޔާބީގެ އުފާ ފާޅުކުރުމަށް އާސެނަލްގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އެމިރޭޓްސް ސްޓޭޑިއަމް ސަރަހައްދަށް އެއްވެފައެވެ. ރަތް ކުލައިގެ ދުންބޮންތަކުން މުޅި ސަރަހައްދު ފުރާލާފައިވާއިރު، ސަޕޯޓަރުން ދިޔައީ "ޗެމްޕިއަންސް" ގޮވަމުން އާޓެޓާގެ ނަމުން އަޑުގަދަ ކުރަމުންނެވެ.

ސިޓީއަށް މި ސީޒަނުގެ ލީގު ގެއްލުނު ނަމަވެސް، އެޓީމުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެފް.އޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިކޮށް ތަށި އުފުލާލާފައެވެ. މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ހޯދި 20 ވަނަ ތަށްޓެވެ. ނަމަވެސް، 10 އަހަރަށްފަހު މި ސީޒަން ނިމުމުން ގާޑިއޯލާ ސިޓީ ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފައެވެ.

ލީގު ކާމިޔާބު ކުރުމަށްފަހު އާސެނަލް ދެން އެންމެ ބޮޑަށް ތައްޔާރުވާނީ މި މަހުގެ 30 ވަނަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށެވެ. މި މެޗުގައި އާސެނަލް ނުކުންނާނީ ފްރާންސްގެ ޕީ.އެސް.ޖީ އާ ދެކޮޅަށެވެ. ޕީ.އެސް.ޖީ އިން މިދިޔަ އަހަރުގެ ފައިނަލުގައި އިންޓަ މިލާން 5-0 އިން ބަލިކޮށް ފުރަތަމަ ފަހަރަށް މި ތަށި ހޯދާފައިވާއިރު، އާސެނަލުން އަމާޒު ހިފާފައިވަނީ އެޓީމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ. މީގެ ކުރިން 2005-06 ވަނަ އަހަރުގެ ފައިނަލުގައި އާސެނަލް ވަނީ ބާސެލޯނާ އަތުން 2-1 އިން ބަލިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު