ތައިލެންޑް
ތައިލެންޑް
ތައިލެންޑަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ދެމުންދިޔަ 60 ދުވަހުގެ ވިސާ ފްރީ ޕްރޮގްރާމް ނިމުމަކަށް ގެނެސް، ދިވެހިންނަށް އެ ގައުމުން ދޭ އޮން-އެރައިވަލް ވިސާގެ މުއްދަތު 15 ދުވަހަށް ކުރުކުރުމަށް ތައިލެންޑް ސަރުކާރުގެ ކެބިނެޓުން ނިންމައިފިއެވެ.

މި ނިންމުމާ ގުޅޭގޮތުން ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ފަންޗަރޮއެންވޮރަކުލް ވިދާޅުވީ، 60 ދުވަހުގެ ވިސާ ޕްރޮގްރާމްގެ ދަށުގައި ހިމެނޭ ހުރިހާ ގައުމުތަކަށް ދެން އަމަލުކުރެވޭނީ މި ޕްރޮގްރާމް ފެށުމުގެ ކުރިން އޮތް އިމިގްރޭޝަން ގަވާއިދުތަކަށް ކަމަށެވެ. މީގެ ކުރިން ޖުލައި 2024 ގައި 60 ދުވަހަށް ވިސާގެ މުއްދަތު އިތުރުކުރީ ކޯވިޑަށްފަހު ފަތުރުވެރިކަން ކުރިއެރުވުމަށެވެ.

ނަމަވެސް، ވިސާގެ މުއްދަތު އިތުރުކުރުމުން ގިނަ ބަޔަކު އެ ގައުމުގައި ވަޒަންވެރިވެ، އަމިއްލަ ވިޔަފާރިތައް ހިންގުމާއި ކުށްތަކަށް އަރައިގަތުން އިތުރުވެފައިވާކަން ތައިލެންޑް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އާ އުސޫލުގެ ދަށުން 93 ގައުމަކަށް ދެމުންދިޔަ 60 ދުވަހުގެ ވިސާ އިސްތިސްނާ އުވާލައި، ކޮންމެ ގައުމަކަށްވެސް ކަނޑައެޅޭނީ ވަކި އެއް ގިންތިއެއްގެ ވިސާ އެކެވެ.

މި ބަދަލާއެކު، ތައިލެންޑުގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން، ދިވެހިރާއްޖެ ހިމެނެނީ 15 ދުވަހުގެ ވިސާ އިސްތިސްނާ ލިބޭ ތިން ގައުމުގެ ތެރޭގައެވެ. ރާއްޖޭގެ އިތުރުން މި ގިންތީގައި ހިމެނެނީ ސީޝެލްސް އާއި މޮރިޝަސް އެވެ.

އާ ގަވާއިދަށް އަމަލުކުރަން ފަށާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް، އާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ތައިލެންޑަށް އެތެރެވާ ފަރާތްތަކަށާއި މިހާރު އެ ގައުމުގައި ތިބި މީހުންނަށް، އެމީހުންގެ ވިސާގެ މުއްދަތު ހަމަވަންދެން ކުރީގެ އުސޫލުން ތިބެވޭނެ ކަމަށް ތައިލެންޑް ސަރުކާރުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، 54 ގައުމަކަށް 30 ދުވަހުގެ ވިސާ އިސްތިސްނާ ދިނުމަށް ނިންމާފައިވާއިރު، އިންޑިއާ ހިމެނޭހެން 4 ގައުމަކަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރާ ގައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު