ތައިލޭންޑައް އެރުމަށް ދިވެހިންނަށް ދެން ލިބޭނީ 15 ދުވަހުގެ ވިސާ
ތައިލޭންޑައް އެރުމަށް ދިވެހިންނަށް ދެން ލިބޭނީ 15 ދުވަހުގެ ވިސާ
ތައިލެންޑުން މިހާރު ދެމުންގެންދާ 60 ދުވަހުގެ ވިސާ-ފްރީ އުސޫލަށް ބަދަލުތަކެއް ގެނައުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

93 ގައުމަކަށް މިހާރު ދެމުންދާ 60 ދުވަހުގެ ވިސާ-ފްރީ އުސޫލު ނިމުމަކަށް ގެނެސް، އައު އުސޫލެއްގެ ދަށުން ވިސާގެ ކަންކަން ތަރުތީބުކުރުމަށް ތައިލެންޑްގެ ކެބިނެޓުން ވަނީ 19 މެއި 2026 ގައި ނިންމާފައެވެ.

މި އިސްލާހުގެ ދަށުން، އެކި ގައުމުތަކަށް ވިސާ ނެތި ތައިލެންޑްގައި މަޑުކުރެވޭނެ މުއްދަތުތަކަށް ބަދަލުތަކެއް އަންނާނެއެވެ. މިގޮތުން ގެނެވޭ މައިގަނޑު ބަދަލުތަކަކީ:

ދިވެހިރާއްޖެ ހިމެނޭހެން 15 ދުވަހުގެ ވިސާ އެގްޒެމްޕްޝަންއައު އުސޫލުގެ ދަށުން، ދިވެހިރާއްޖެ، މޮރިޝަސް، އަދި ސީޝެލްސްގެ ރައްޔިތުންނަށް ތައިލެންޑަށް އެތެރެވުމަށްފަހު ވިސާއާ ނުލައި މަޑުކުރެވޭނީ 15 ދުވަހުގެ މުއްދަތަށެވެ. މިބަދަލު ގެންނަން ނިންމާފައިވާއިރު، މިހާރު ދިވެހިންނަށް 60 ދުވަހުގެ ފްރީ ވިސާ ގައި ހުރެވެއެވެ.

30 ދުވަހުގެ ވިސާ އެގްޒެމްޕްޝަންދުނިޔޭގެ 54 ގައުމަކަށް 30 ދުވަހުގެ ވިސާ-ފްރީ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތަކާއި، އެމެރިކާ، ކެނެޑާ، ޖަޕާން އަދި ޤަލްފުގެ ބައެއް ޤައުމުތައް ހިމެނެއެވެ.

ވިސާ އޮން އެރައިވަލްގެ ހިދުމަތް ދޭ ޤައުމުތަކުގެ އަދަދު ވަނީ 4 ގައުމަކަށް މަދުކޮށްފައެވެ. އެއީ އަޒަރުބައިޖާން، ބެލަރޫސް، އިންޑިއާ އަދި ސާބިއާއެވެ.

އިސްލާހުގެ ބޭނުން ތައިލެންޑްގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބަދަލުތައް ގެންނަނީ ޤައުމީ ސަލާމަތް ވަރުގަދަކުރުމަށާއި، އިޤްތިސާދީ މަސްލަހަތުތަކަށް އިސްކަންދިނުމަށެވެ. އަދި ވިސާގެ އެކި އުސޫލުތައް ފުށުއެރުން ހުއްޓުވައި، އީ-ވިސާ ނިޒާމު އިތުރަށް ތަރައްޤީކުރުމަކީ ވެސް މި އިސްލާހުގެ މަގްސަދެކެވެ.

މި އައު އުސޫލުތަކަށް އަމަލުކުރަން ފަށާނީ ތައިލެންޑްގެ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 15 ދުވަސް ހަމަވުމުންނެވެ. އެހާތަނަށް އަމަލުކުރަމުންދާނީ މިހާރުވެސް އޮތް އުސޫލުތަކަށެވެ. އަދި މި ބަދަލުތައް އަންނައިރު ތައިލެންޑްގައި ތިބި ފަރާތްތަކަށް، އެމީހުން އެތެރެވިއިރު ދީފައިވާ މުއްދަތަށް މަޑުކުރެވޭނެއެވެ.

މި ބަދަލާއެކު، ވިސާ އެގްޒެމްޕްޝަން ނުލިބޭ ޤައުމުތަކުގެ ރައްޔިތުން ތައިލެންޑަށް ދަތުރުކުރުމުގެ ކުރިން އީ-ވިސާ މެދުވެރިކޮށް ވިސާ ހޯދަންޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު