ނަފާ ނަސީމް-
ނަފާ ނަސީމް-
އިނގިރޭސިވިލާތަށް އެތެރެކުރާ ކަޅުބިލަމަހުގެ ޑިއުޓީ ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުމަކީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ މުދަލުގެ އަގުތައް އުފުލުމުން، އިގްތިސާދު ހަމައަކަށް އެޅުވުމަށް އެ ގައުމުން އަމިއްލައަށް ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ، އިނގިރޭސިވިލާތުގެ އާންމު މުދަލުގެ އަގުތައް ތިރިކުރުމަށްޓަކައި ބައެއް ކާބޯތަކެތީގެ ޑިއުޓީ 31 ޑިސެމްބަރު 2028 އާ ހަމައަށް ކަނޑާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ކަޅުބިލަމަސް ވެސް ހިމެނޭ ކަމަށެވެ. މިއީ އީރާނާއި އެމެރިކާގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ގައުމުން އެޅި ފިޔަވަޅެއްކަން ނަސީމް ފާހަގަކުރެއްވިއެވެ.

ނަފާ ނަސީމް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ޓެރިފް ކަނޑާލުމަކީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށާއި، މިއީ ދެ ގައުމުގެ ގުޅުން ރަންގަޅުވުމުން ލިބުނު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސް ފަރާތްތަކުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން ނެރުނު ބަޔާންތަކުގައިވެސް ސިފަކޮށްފައިވަނީ މިއީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ނަމަވެސް، މަސްދަރުތަކުން ދޭހަވާ ގޮތުގައި އިނގިރޭސިވިލާތުގެ މި ނިންމުމަކީ ވަކި ގައުމަކަށް ޚާއްޞަކޮށްގެން ނިންމި ނިންމުމެއް ނޫނެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާތީ، އެކަން ކޮންޓްރޯލްކޮށް އިގްތިސާދީ ވިލުންތެރިކަން އިތުރުކުރުމަށް އެ ގައުމުން ކަނޑައެޅި އާންމު އުސޫލެކެވެ.



ކިޔުންތެރިންގެ ހިޔާލު