އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަކީ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަންވީ އިންތިޚާބެއް ނޫން ކަމަށާއި، ޕާޓީގެ ކުރިމަގަށްޓަކައި އާ ލީޑަރުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއީދު ހޯއްދެވުމަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ރަށް، ޅ. ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އަބަދުވެސް އެއް ލީޑަރެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، މީހުންނަށް ފުރުސަތު ދީގެން އާ ލީޑަރުން އުފައްދަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޕާޓީގެ ކުރިމަގަށް ވިސްނަންޖެހޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

"ތިމަންނައޭ އެންމެ މޮޅު މީހަކީ. މަގުމައްޗަށް ނިކުތީމާ، ތިމަންނައަށް ފެންނަނީ ފުޅާވެފައި ހުރި ތިމަންނަގެ އަތް އެކަނި ކަމަށް ވައްޏާ ދެނެއް ކުރެވޭނެ ކަމެއް ނޯންނާނެ."ރައީސް ސޯލިހު

މީގެ އިތުރުން ރައީސް ސޯލިހު ވަނީ، އެމަނިކުފާނު މި ދައްކަވާ ވާހަކަފުޅަކީ އެއްވެސް ހާލެއްގައި ރައީސް ނަޝީދަށް ބަދުބަސް ބުނުން ނޫންކަމަށާއި، ރައީސް ނަޝީދު ކުރައްވާފައިވާ އިސްލާހީ މަސައްކަތްތައް ބަލައިގަނެ، އެކަމަށް ޝުކުރުވެރިވާކަމަށް ވިދާޅުވެފައެވެ. އަދި ނޫސްވެރިންނާއި އާންމުންވެސް މި ވާހަކަ އެހެން މާނައެއްގައި ނުނެގުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. ސޯލިހު ވިދާޅުވީ ޕާޓީއަށާއި ގައުމަށް ނަޝީދު ކުރައްވާފައިވާ މަސައްކަތަކަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް މި އިންތިހާބުގައި މީކާއީލް އަށް ތާއިދު ކުރައްވަން ނިންމެވީ ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.

އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިއީ ރައީސް ނަޝީދު ވާދަކުރަންވީ އިންތިޚާބެއް ނޫން ކަމަށާއި، މިއީ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓުގައި ތިން ރައީސުން ގުޅިގެން ފެށި އިސްލާހީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ލިބޭ ފުރުސަތެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މީކާއިލް ނަސީމަށް ތާއީދުކޮށް ކެމްޕޭން ކުރެއްވި ނަމަވެސް، ޕާޓީގެ އިސްލާހީ މަސައްކަތުގައި ރައީސް ނަޝީދާ އެކީގައި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި ވާހަކަތައް މިގޮތަށް ދެއްކެވީ ޕާޓީގެ އެތެރޭގައި އިތުރު ބައިބައިވުމަކާއި ތަޅާފޮޅުމަކަށް ދާން ބޭނުންފުޅު ނުވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު