ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ބޯޑަރު ހުރަސްކޮށް ހިންގާ މާލީ ކުށްތަކާއި ބައިނަލްއަގްވާމީ ޖިނާއީ ނެޓްވޯކްތައް ރޫޅާލުމަށް އަމާޒުކޮށްގެން ހިންގި "އޮޕަރޭޝަން ފްރަންޓިއަރ ޕްލަސް" ގެ ދަށުން، މަކަރާއި ހީލަތުން އަތުލާފައިވާ 75،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހޯދައިފިއެވެ.

މިއަހަރުގެ މާޗް މަހުގެ 10 އިން މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ބޮޑު އޮޕަރޭޝަނަކީ ސްކޭމް ކުރުމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ހިންގުނު ތިންވަނަ ހަރަކާތެވެ.

މި އޮޕަރޭޝަން ނިންމާލުމުގެ ގޮތުން ބޭއްވި ބައިނަލްއަގްވާމީ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، މި މަސައްކަތުގައި ރާއްޖޭގެ އެންޓި ސްކޭމް ސެންޓަރުގެ 40 އަށްވުރެ ގިނަ އޮފިސަރުން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އާދަމް ނަވީދު ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 349 މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 186 މައްސަލައަކީ އީ-ކޮމާސް ސްކޭމްތަކާ ގުޅުންހުރި މައްސަލަތަކެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ސްކޭމްތަކުގެ ސަބަބުން ލިބުނު މާލީ ގެއްލުން 259،480.52 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވެއެވެ. ނަމަވެސް، މި އޮޕަރޭޝަންގެ ކާމިޔާބީއާއެކު 664 ބޭންކް އެކައުންޓެއް ފްރީޒްކޮށް، 75،251.62 ޑޮލަރު އަނބުރާ ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. މި މައްސަލަތަކުގެ ތަހުގީގަށް 574 މީހަކާ ސުވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި 490 ފިރިހެނުންނާއި 84 އަންހެނުން ހިމެނެއެވެ.

އޮސްޓްރޭލިއާ، ކެނެޑާ، ސިންގަޕޫރު، ދެކުނު ކޮރެއާ އަދި ތައިލެންޑް ހިމެނޭހެން ދުނިޔޭގެ އެކި ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ބޮޑަށް އަމާޒުކޮށްފައިވަނީ އިންވެސްޓްމަންޓް ފްރޯޑް، ލޯބީގެ ސްކޭމް، ވަޒީފާއާ ގުޅުންހުރި އޮޅުވާލުންތައް އަދި ވޮއިސް ފިޝިން ފަދަ ޖަރީމާތަކަށެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ޝައްކު ކުރެވޭ ޑިޖިޓަލް ލިންކްތަކަށް ކްލިކް ނުކުރުމަށާއި، ބޭންކުން ފޮނުވާ ސެކިއުރިޓީ ކޯޑުތައް އެއްވެސް ތިންވަނަ ފަރާތަކާ ހިއްސާ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު