ކަސްޓްމަސް އިން އަތުލައިގަތް ސިނގިރޭޓް
ކަސްޓްމަސް އިން އަތުލައިގަތް ސިނގިރޭޓް
ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު މާލޭ ބަނދަރަށް އައި ބޯޓަކުންނެވެ. މި ބޯޓު ފާސްކުރުމުގެ ތެރޭގައި ކަސްޓަމްސްގެ އޮފިސަރުން ވަނީ ޖުމްލަ 2،304،200 (ދެ މިލިއަން ތިންލައްކަ ހަތަރުހާސް ދުއިސައްތަ) ސިނގިރޭޓް ސްޓިކްސް ހޯދައި، އެ ތަކެތި ހިފަހައްޓާފައެވެ.

ކަސްޓަމްސް އިން ބުނީ މިއީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދިފައިވާ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިފަދަ ގިނަ އަދަދެއްގެ ސިނގިރޭޓް ސިއްރުން އެތެރެކުރަން އުޅުމަކީ ދައުލަތަށް ލިބެންޖެހޭ ޓެކުހާއި ޑިއުޓީއަށް އުނިކަން އަންނަ އަދި ގާނޫނާ ޚިލާފު އަމަލެކެވެ.



ކަސްޓަމްސްއިން ބުނީ މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ މިކަމާ ގުޅޭ ޖިނާއީ ތަހުގީގެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިއަށްދާކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމާއި، ދުންފަތުގެ ބާވަތްތައް ގަވާއިދާ ޚިލާފަށް އެތެރެކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު