ހައްޔަރުކުރި 4 ބިދޭސީން
ހައްޔަރުކުރި 4 ބިދޭސީން
ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި ހައްޔަރުކޮށްފައިވަނީ ދާގީނާއެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ މައުލޫމާތު ލިބިގެން ކަމާބެހޭ އިދާރާތަކުން ހިންގި ބޮޑު އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަކީ، އެމްޑީ ޖިހާދު ބިން އަރީފް (20އ) އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ) އާއި، މިރްޒާ އަލް އަމީން (30އ) އަދި އެމްޑީ އަރްމާން އަލީ (21އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެންނެވެ. ކަސްޓަމްސްއަށް ލިބުނު މައުލޫމާތުގައިވާ ގޮތުން، ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިއިރު، އެތަކެތި ބަލައިގަތުމަށް އުޅުނު ބަޔަކު ވަނީ މި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން (41އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެންތިބި ތިންމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު