ޑޮނަލްޑް ޓްރަންޕް
ޑޮނަލްޑް ޓްރަންޕް
އެމެރިކާގެ މެދުތެރޭގެ އިންތިޚާބުގައި ޑިމޮކްރެޓުންނަށް ކާމިޔާބު ލިބިދާނެ ކަމަށް ބެލެވޭތީ، ރައީސް ޑޮންލްޑް ޓްރަމްޕް އެކަމަށް ތައްޔާރުވެވަޑައިގެންފައިވާ ކަމަށާއި، ނަތީޖާއާ މެދު ކަންބޮޑުނުވާ ކަމަށް އޭނާގެ އަރިސް ބޭފުޅުންގެ ގާތުގައި ވިދާޅުވެއްޖެއެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޯޓުލުމުގެ ހަރުކަށި އުސޫލުތައް ފަދަ ޓްރަމްޕްގެ މުހިންމު ސިޔާސަތުތައް ފާސްކުރުމުގައި ރިޕަބްލިކަން ޕާޓީން ފަސްޖެހިފައިވާތީ، އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކުޝް ދޭސާއީ ވިދާޅުވި ގޮތުގައި، ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފި ނަމަ، އިޤްތިސާދީ ކުރިއެރުމާއި ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުވާނެއެވެ. ނަމަވެސް ޑިމޮކްރެޓުން މަސައްކަތް ކުރަނީ ޓެކްސް ބޮޑުކޮށް، ޤައުމުގެ ރައްކާތެރިކަމަށް ހުރަސްއެޅުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް މިދަނޑިވަޅުގައި، ތަކެތީގެ އަގު އުފުލުމާއި އިންފްލޭޝަންގެ މައްސަލަތަކަށް ޓްރަމްޕް މާބޮޑު ސަމާލުކަމެއް ނުދެއްވާކަން ވަނީ ފާހަގަވެފައެވެ. އީރާނު ހަނގުރާމައިގެ ސަބަބުން ރައްޔިތުންގެ މާލީ ހާލަތަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ޓްރަމްޕް ވިދާޅުވީ އޭނާގެ މުޅި ފޯކަސް ހުރީ އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން ޑިމޮކްރެޓުން ވަނީ ޓްރަމްޕަކީ ރައްޔިތުންގެ ހާލަތު ނޭނގޭ، އަމިއްލަ އެދުން އިސްކުރާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައެވެ. ސެނެޓަރ ބާނީ ސޭންޑާސް ވިދާޅުވީ، ޓްރަމްޕަށް މުހިންމީ އޭނާގެ އަމިއްލަ އާއިލާގެ މުއްސަނދިކަން އިތުރުކުރުން ކަމަށެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޓްރަމްޕްގެ ކެމްޕޭން ފަންޑަށް ބޮޑެތި އެހީތަކެއް ލިބެމުންދާއިރު، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ މައްސަލަތަކުގައި ކޯޓުތަކުން ވެސް ރިޕަބްލިކަން ޕާޓީއަށް ފަހިވާ ގޮތަށް ނިންމުންތައް ނިންމަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، އިންތިޚާބުގެ ސައްހަކަން ކަށަވަރުކުރުމުގެ ނަމުގައި "އިލެކްޝަން އިންޓެގްރިޓީ އާމީ" އެއް އެކުލަވާލުމަށާއި، ވޯޓުލާ މަރުކަޒުތަކަށް ސިފައިން ފޮނުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ފަހުގެ ސާވޭތަކުން ދައްކާ ގޮތުގައި، ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި އިގްތިސާދީ ދަތިތަކުގެ ޒިންމާ ގިނަ ރައްޔިތުން އަޅުވަނީ ޓްރަމްޕްގެ ސިޔާސަތުތަކުގެ މައްޗަށެވެ. މީގެ ތެރޭގައި އީރާނަށް ހަމަލާދިނުމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ޓެކްސްތައް ބޮޑުކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު