ކުރީގެ ތިން ރައީސުން އެއްގަލަކަށް އެރުމަކީ މި ސަރުކާރަށް "ހަޖަމުކުރަން" އުނދަގޫވާނެ ކަމެއް ކަމަށް އަދި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިރޭ ބައްދަލުކުރެއްވުމަށް ނިންމަވާފައެވެ.

​ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީއެންއެފްގެ އަމީން އާންމު މަލީހު ވިދާޅުވީ، ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ރައީސް މުހައްމަދު ނަޝީދު އެކުވުމަކީ ގައުމުގެ ސިޔާސީ މަސްރަހު ބަދަލުވެ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިމިގެންދާނެ ކަމެއް ކަމަށެވެ. މަލީހު ވިދާޅުވީ ސިޔާސީ ފިކުރު އެއްކިބާކޮށް ތިން ރައީސުން އެކުވެ ގައުމަށްޓަކައި ކުރަނީ ވަރުގަދަ ޖިހާދެެއް ކަަމަށެވެ. މިރެއަކީ ރާއްޖޭގެ ސިޔާސީ ތާރިޚުގައި ރަންއަކުރުން ފަވާލެވޭނެ ރެއެއް ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ތިން ރައީސުން މިރޭ 8 ޖަހާއިރު ބާއްވަވާ ބައްދަލުވުމަށްފަހު އެބޭފުޅުން ނޫސްވެރިންނާއި ބައްދަލުކޮށް ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކަންކަން ހަމަމަގަށް އެޅުވުމުގެ މުހިންމު މަސައްކަތެއް ފެށޭ ރޭ, މިރެއަކީ މިރެއަކީ އުއްމީދީ ރެއެއް, މިރެއަކީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ތިން ރައީސުން އެބޭފުޅުންގެ ސިޔާސީ ފިކުރު އެެއްކިބާ ކުރުމަށްފަހު މި އެޖެންޑާއަށް ފެއްސާއި ރަތާއި ހުދުގެ ވަރުގަދަ މަސައްކަތެއް ކުރުމުގެ ފެށޭ އުފާވެރި ރޭ, މިރެއަކީ އުފާވެރި ރެެއެއް މިރެއަކީ ގައުމު ދިވެހިރާއްޖޭގެ ތާރިޚުގައި ރަންއަކުރުން ލިޔެވިގެންދާނެ ރެއެއް މިރެއަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް އެޅިގެންދާނެ ރެއެއް" މަލީހު ވިދާޅުވިއެެވެ.



​މަލީހު ވަނީ މިހާރުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.​އެގޮތުން ސަރުކާރުން ގާނޫނުއަސާސީ އަތަށްނަގައި، ރައްޔިތުންގެ މަޖިލިސް "ހައިޖެކް" ކޮށްފައިވާ ކަމަށް މަލީހު ތުހުމަތުކުރެއްވިއެވެ.އަދި ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ކޯޓުތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުން އިންތިޚާބުން ބަލިވުމުން މިނިސްޓަރުން "މިއުޒިކަލް ޗެއާ" ކުޅޭ އުސޫލުން އެކި މަގާމުތަކަށް ބަދަލުކުރުމާއި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން އުޅުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމުގައި ސިފަކުރެއްވިއެވެ. މި ސަރުކާރަށް އޮތީ ރައްޔިތުންގެ %30 އަށް ވުރެ ކުޑަ ތާއީދެއް ކަމަށް ވިދާޅުވެ، އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވައި އަވަސް އިންތިޚާބަކަށް ވަޑައިގަތުން ކަމަށް މަލީހު ގޮވާލެއްވިއެވެ.



​މަލީހު ވިދާޅުވީ އެމްޑީޕީ އަކީ އެންމެ ބޮޑު ޕާޓީ ކަމަށާއި، ޕީޕީއެމް އަދި ޕީއެންއެފް އަކީ މިވަގުތު އޮތް އެންމެ ވަރުގަދަ ބާރުތައް ކަމަށެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ރައީސްގެ ފަރުދީ މައްސަލަތަކުގެ ތެރެއަށް ޕީޖީ އޮފީހާއި ސަލާމަތީ ބާރުތައް ވެންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.​މަލީހު ވިދާޅުވީ، މި އަނިޔާވެރިކަމަށް ނިމުމެއް އަންނާނެ ކަމަށާއި، ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު