މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް
މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމަށް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން މިއަދު މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ބުނީ، ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ގުޅިފައިވާ ކަމަކަށްވާތީ، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މި މައްސަލަ ކުރިއަށްގެންދާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ އިއްޔެ ބޭއްވި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. ނަމަވެސް، އޭނާއަށް އޮތް އިތުބާރު ކުއްލިއަކަށް ގެއްލުނު ސަބަބެއް އެ ޕާޓީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މަޖިލީސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕުން ވެސް އިއްޔެ ވަނީ ނާޒިމް ބޭރުކޮށްފައެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމުން 14 ދުވަހުގެ ނޯޓިސްއެއް ދޭންޖެހެއެވެ. އަދި މި މައްސަލައިގެ ބަހުސްގައި އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ނައިބު ރައީސަށް ލިބިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް، އޭނާ ވަކިކުރުމާ މެދު ނަގާ ވޯޓުގައި އޭނާއަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

މަޖިލީހުން މިއަދު ވަނީ މަޖިލީހުގެ މި ހިނގާ ދައުރު މި މަހު 31 ވަނަ ދުވަހާ ހަމައަށް ދަންމާލަން ވެސް ފާސްކޮށްފައެވެ. އެހެން އެކަން ކުރީ މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށް ބުނެއެވެ. އެހެންނަމަވެސް އެ މަސައްކަތްތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު