ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން-
ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން-
ހައްޔަރުކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ދިހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެންބަރުން ބައިވެރިވި މި އިހުތިޖާޖު ފެށީ އެމްޑީޕީ ހަރުގެ ކައިރިންނެވެ. އިހުތިޖާޖުގެ ބައިވެރިން ކުރީގެ ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވި ވަގުތު ފުލުހުންނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، ފަހުން ބައިވެރިން ވަނީ މަޖީދީ މަގަށް ނިކުމެ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ.

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރުއަނގޮޅި ސަރަހައްދަށް އިހުތިޖާޖުގެ ބައިވެރިން އެއްވުމުން، އެސްއޯ ފުލުހުން ވަނީ އެއްވުން ރޫޅާލުމަށް މަސައްކަތްކޮށްފައެވެ. މި ކުރިމަތިލުންތަކުގެ ތެރޭގައި ބައެއް ބައިވެރިންނަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ އަށް ފިރިހެނުންނާއި ދެ އަންހެނުންނެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ.

ނޫސްވެރިންގެ ހައްގުގައި ބޭއްވި މި ހަރަކާތުގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. މި އެއްވުމުގެ ބައިވެރިން ދިޔައީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށާއި، ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު