ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން އާއި އޭނާގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެންނަން ތައްޔާރުވެއްޖެއެވެ.

މި ދެބަފައިން އެކުގައި ފެންނަނީ އިޝްތިހާރަކުންނެވެ. މި އިޝްތިހާރުގެ ޝޫޓްކުރަނިކޮށް ނަގާފައިވާ "ބިހައިންޑް ދަ ސީންސް" (ބީޓީއެސް) ވީޑިއޯއެއް މީސް މީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ. ފޭން ޕޭޖަކުން އާންމުކުރި މި ވީޑިއޯއިން ފެންނަނީ ސައިފް އާއި އިބްރާހީމް ވަރަށް ހަމަޖެހިލައިގެން، ހިނިތުންވުމާއެކު މަސައްކަތް ކުރަމުންދާ މަންޒަރުތަކެކެވެ.

ވައިރަލްވެފައިވާ މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ސަޕޯޓަރުން އަންނަނީ މި ދެބަފައިންގެ މެދުގައި އޮތް ގުޅުމަށާއި އެކުގައި ފެންނަ ފެނުމަށް ވަރަށް ބޮޑަށް ތައުރީފުކޮށް، ލޯބީގެ އިމޯޖީތަކުން މީސްމީޑިއާ ފުރާލަމުންނެވެ.

"އެސްކުއަޔަރ އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި އިބްރާހީމް ވަނީ އޭނާގެ ބައްޕައާ އަޅާކިޔޭ ކިޔުމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި "އޭނާ ހަމަ ބައްޕައާ ވައްތަރީއޭ" ބުނާ އަޑު އިވޭތާ އަހަރުތަކެއް ވެއްޖެއެވެ. އަދި އެއީ އޭނާގެ މިންގަނޑަކަށް ވެފައިވާ ކަމަށާއި، ބައްޕަ ފަދަ މީހަކަށް ވާން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

ސައިފް އަލީ ޚާން ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސް އިން ރިލީޒްކުރާ "ކަރްތަވްޔާ" އިންނެވެ. މި ފިލްމުގައި ރަސިކާ ދުގަލް، ސަންޖޭ މިޝްރާ، ޒާކިރު ޙުސައިން، މަނިޝް ޗައުދަރީ އަދި ސައުރަބް ދްވިވޭދީ ފަދަ ތަރިން ފެންނާނެއެވެ. މި ފިލްމާ ބެހޭގޮތުން ސައިފް ބުނީ، މިއީ އޭނާ ގޯރީ ޚާންގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމު ކަމަށާއި، މީގެ ވާހަކައަކީ ވަރަށް ތަފާތު އަދި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހޭ ފުލުހެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ކަމަށެވެ.

ޕުލްކިތު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސައިފް ކުޅެނީ "ޕަވަން" ކިޔާ ފުލުހެއްގެ ރޯލެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ނޫސްވެރިއަކަށް ބަޑިން ހަމަލާދީ މަރާލުމާ ގުޅިގެން، އެ މައްސަލައިގެ ކުށްވެރިޔާ ހޯދުމަށް ކުރާ ވަރުގަދަ މަސައްކަތުގެ މައްޗަށެވެ.

އިބްރާހީމް އަލީ ޚާންގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ކުނާލް ދޭޝްމުކް ޑައިރެކްޓްކުރާ ކުޅިވަރު ފިލްމު "ދިލޭރް" އިންނެވެ. މި ފިލްމަކީ މެރެތަން ދުވުންތެރިއެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު