ރައީސް ޔާމީން އަބްދުލްގައްޔޫމް
ރައީސް ޔާމީން އަބްދުލްގައްޔޫމް
ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު އިއުލާން ކުރަށްވައިފިއެވެ.

ރައީސް ޔާމީން މިގޮތަށް ނިންމެވީ، ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށް، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އެ ދެ ނޫސްވެރިން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ހުކުމަކީ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުން ނެރުނު "ގެގް އޯޑަރާ" ހިލާފުވި ކަމަށް ބުނެ އިއްވާފައިވާ ހުކުމެކެވެ.

އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ތިން ރައީސުން އެކުގައި ނުކުމެވަޑައިގަތުމަށް މިއަދު ގޮވާލައްވާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ފައްޔާޒު ވިދާޅުވީ، މިއީ ރައީސް ނަޝީދާއި، ރައީސް ޔާމީން އަދި ރައީސް ސޯލިހު އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.

ފައްޔާޒުގެ މި ގޮވާލުމާ ގުޅިގެން ރައީސް ޔާމީން މިއަދު ވިދާޅުވީ އެމްޑީޕީގެ ދެ ރައީސުންނާއެކު މަސައްކަތް ކުރަށްވަން ނިންމީ ނޫސްވެރިންގެ ދިފާއުގައި ކަމަށެވެ. އެއީ، ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށް، ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައިވާތީ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލާގައި ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް މިރޭ ބާއްވާ އިހުތިޖާޖުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ވެސް މަގުމައްޗަށް ނުކުންނަވާނެ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފްގެ ސަޕޯޓަރުން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ. އަދި ނޫސްވެރިން ޖަލަށްލުމަށް ކުރި ހުކުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގެ ކުރީގެ ތިން ރައީސުންވެސް ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު