އޭކް ދިންގެ މަންޒަރެއް-
އޭކް ދިންގެ މަންޒަރެއް-
ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ދެވަނަ ފިލްމު "އޭކް ދިން" ބޮކްސް އޮފީހުގައި ނާކާމިޔާބުވުމާ ގުޅިގެން، އާމިރު ޚާން އަދިވެސް އެކަމާ ވަރަށް ބޮޑަށް ދެރަވެފައި ހުރި ކަމަށް ޖުނައިދު ހާމަކޮށްފިއެވެ.

ނޫސްވެރިޔާ ވިކީ ލަލްވާނީގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި ޖުނައިދު ބުނީ، "އޭކް ދިން" އަކީ އޭނާ ވަރަށް ގަޔާވެގެން މަސައްކަތް ކުރި ފިލްމެއް ކަމަށާއި، ނަމަވެސް ބެލުންތެރިންގެ ފަރާތުން އެދެވޭ ތަރުހީބެއް ނުލިބުމަކީ ދެރަވާ ކަމެއް ކަމަށެވެ. "ފިލްމަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުނު. އަހަރެމެން ވަރަށް އުންމީދު ކުރިން، އެކަމަކު ބައެއް ފަހަރު މިހެން ވެސް ވާނެ،" ޖުނައިދު ބުންޏެވެ.

އާމިރު ޚާން ޕްރޮޑަކްޝަންސްގެ ދަށުން އުފެއްދި މި ފިލްމުގެ ނާކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ޖުނައިދު ބުނީ، އޭނާގެ ބައްޕަ އާމިރު ޚާން މި ފިލްމާ މެދު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށެވެ. "އޭނާ (އާމިރު) އަދިވެސް ހުރީ އެކަމާ ދެރަވެފައި. އެތައް އަހަރެއްގެ ތަޖުރިބާއަށް ފަހު ވެސް، ފިލްމެއް ނާކާމިޔާބުވުމުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކުރޭ. ހާއްސަކޮށް އޭނާ ގަޔާވާ ފިލްމެއް ނާކާމިޔާބުވެއްޖެ ނަމަ އެކަން ވަރަށް ބޮޑަށް 'ޕާސަނަލް'

ކޮށް ނަގާ،" ޖުނައިދު އިތުރަށް ބުންޏެވެ.



ސުނިލް ޕާންޑޭ ޑައިރެކްޓްކޮށް، ސައި ޕައްލަވީ ބޮލީވުޑަށް ތައާރަފްވި މި ފިލްމަކީ 2016 ވަނަ އަހަރު ނުކުތް ތައިލެންޑް ފިލްމު "ވަން ޑޭ" ގެ ރީމޭކެކެވެ. މެއި މަހުގެ 1 ވަނަ ދުވަހު ސިނަމާތަކަށް ރިލީޒްކުރި މި ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ އެންމެ 1 ކްރޯޑް ރުޕީސްއެވެ. އަދި އިންޑިއާގެ މާކެޓުން މި ފިލްމަށް ޖުމްލަ ލިބިފައިވަނީ 4.25 ކްރޯޑް ރުޕީސްއެވެ.

ނާކާމިޔާބީއާ އެކުވެސް އާމިރު ޚާން އަލުން މަސައްކަތްތަކަށް އެނބުރި އައިސް އޭނާގެ އާ މަޝްރޫއުތަކުގައި ބައިވެރިވަމުންދާ ކަމަށް ޖުނައިދު ފާހަގަކުރިއެވެ. މިއީ "ލަވްޔާޕާ" އަށް ފަހު ޖުނައިދުގެ ފިލްމެއް ސިނަމާތަކުގައި ނާކާމިޔާބުވި ދެވަނަ ފަހަރެވެ. މި ފިލްމަށް ފާޑުކިޔާ ފަރާތްތަކާއި ބެލުންތެރިންގެ ފަރާތުން ލިބުނު މެދު މިނެއްގެ ރިވިއުތަކުގެ ސަބަބުން، ބޮކްސް އޮފީހުގައި މި ފިލްމަށް ބޮޑު ތަރުހީބެއް ނުލިބުނެވެ.



ކިޔުންތެރިންގެ ހިޔާލު