ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
"އަދަދު" ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ފެތުރި ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދާތީއާއި، އެ ނޫހުގެ ނޫސްވެރިޔަކު ކޯޓު އަމުރަކާ ޚިލާފުވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ހާޒިރުވުން މަނާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަދަދު ނޫހުން ދައުރުކުރި ވީޑިއޯއަކާ ގުޅިގެން ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައެއްގެ އިތުރުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް އެކަމާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރި އަމުރު" އާ އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޛާން ޚިލާފުވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ އޮފީހުން އިތުރަށް ވިދާޅުވީ، މި ނިންމުން ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ ދަށުން މީޑިއާތަކުން ނަހަގަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ.

އެގޮތުން، ރައީސް އޮފީހުގެ ޕްރެސްތަކަށް ހާޒިރުވުމުގެ އުސޫލުގެ 13 ވަނަ މާއްދާއިން ލިބިދޭ އިޚުތިޔާރުގެ ދަށުން، މިހާރު ހިނގަމުންދާ މައްސަލަތައް ނިމެންދެން "އަދަދު" ނޫހަށާއި އެ ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ޕްރެސްތަކަށް ވަނުމުގެ ހުއްދަ ދޫނުކުރަން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު