ހުކުރު ނަމާދުގެ ޖަމާޢަތް (ފޮޓޯ: ސޯޝަލް މީޑިއާ)
ހުކުރު ނަމާދުގެ ޖަމާޢަތް (ފޮޓޯ: ސޯޝަލް މީޑިއާ)
އެންމެންގެ ލާބައާއި މަންފާއަށްޓަކައި ހެދިފައިވާ ގަވައިދުތަކަށް ތަބާވުމަކީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުރުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާގައި ބުނެފައިވަނީ މީސްތަކުންގެ މައްޗަށް ހައްގުތަކާއި ވާޖިބުތަކެއް ވާކަމަށާއި، އެ ހައްގުތަކާއި ވާޖިބުތައް އަދާކުރުމަށް އަންގަވާފައިވާ ގޮތަށް އެކަންކަން އަދާކުރަންޖެހޭ ކަމަށެވެ. އެގޮތުން އަހްލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭކަމަށާއި، މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަންޖެހޭ ގަވައިދުތަކަކީ މުޖުތަމައުގެ އެންމެންގެ ލާބައާއި މަންފާއަށްޓަކައި ހެދިފައިވާ ގަވައިދުތަކެއް ކަމަށެވެ.

އެންމެންގެ ލާބައާއި މަންފާއަށް ހެދިފައިވާ ގަވައިދުތަކަށް ތަބާވުމަކީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރުން ކަމަށްވެސް ހުތުބާގައިވެ އެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށްވެސް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

"އެހެންކަމުން ކޯވިޑް-19 ގެ މި ހާލަތުގައި އާއްމުންގެ ސިއްހީ މަސްލަހަތައް ރިއާޔަތްކޮށް، މިބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން، ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި މަނާކުރެވޭ ހިނދު، އެކަމަށް އިޖާބަދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ." ހުތުބާގައިވެ އެވެ.

ހުތުބާގައި ބުނެފައިވަނީ މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭއިރު މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިލާމެހިފައިކަމަށެވެ. އެހެންކަމުން މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިގެންވާކަމަށާއި އެ ހައްގުތައް ރައްކާތެރިކުރެވޭނީ ހިނގާބިނގާވެ އުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތެއްގެ މައްޗަށްކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާކަމެއް ކުރުމަކީ ހުއްދަވެގެންވާކަމެއްނޫން ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހްލާގީ ގޮތުން ވަރަށް ދަށުދަރަޖައިގެ ކަމެއްކަމަށް ވެސް ހުތުބާގައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން