މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ހަރުދަނާކޮށް، ޤާނޫނީ ބާރުލިބިފައިވާ ޚާއްސަ އިދާރާއެއް ގާއިމުކުރުމަށްޓަކައި "ނޭޝަނަލް ސައިބަރ ސެކިއުރިޓީ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާޞިހު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޑިޖިޓަލް އުމްރާނީ ވަސީލަތްތަކާއި އިންފޮމޭޝަން ސިސްޓަމްތަކަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމެވެ.

މި ބިލު ހުށަހެޅުމުގެ އެންމެ ބޮޑު މަގުސަދަކީ ދައުލަތާއި އަމިއްލަ އިދާރާތަކުން ބޭނުންކުރާ މުހިންމު އިންފޮމޭޝަން ސިސްޓަމްތަކުގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރެއިންނާއި ބޭރުގެ އެކި ފަރާތްތަކުން ކުރިމަތިކުރުވާ ސައިބަރ ނުރައްކާތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވެއެވެ.

މި ބިލު މަޖިލީހުން ފާސްވެ ތަސްދީގުވުމާއެކު، މިހާރު ދާޚިލީ ވުޒާރާގެ ދަށުން ހިނގަމުންދާ ސައިބަރ ސެކިއުރިޓީ ޑިޕާޓްމަންޓް، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި މިނިވަން އިދާރާއަކަށް ބަދަލުވެގެންދާނެއެވެ. އިދާރީގޮތުން މި އެޖެންސީ ހިންގަމުންދާނީ ދާޚިލީ ވުޒާރާގެ ބެލުމުގެ ދަށުން ކަމަށްވީ ނަމަވެސް، މިއީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ މުއައްސަސާއެކެވެ.

މި އެޖެންސީ ހިންގުމަށް ހަމަޖެހިފައިވަނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މި ބޯޑުގައި ހިމެނޭނީ ޗެއަރޕާސަނާއި، ޗީފް އެގްޒެކެޓިވްގެ އިތުރުން ތިން ޑިރެކްޓަރުންނެވެ. ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި މުހިންމު ސިޔާސަތުތައް ކަނޑައަޅާނީ މި އެޖެންސީގެ ފަންނީ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.

އަލަށް ހުށަހެޅި ބިލުގެ ދަށުން ރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރގެ ދާއިރާތައް ކަނޑައަޅައި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސަލާމަތީ އުސޫލުތައް އެކުލަވައިލަންޖެހޭނެއެވެ. އަދި ސައިބަރ ސެކިއުރިޓީގެ ޚާއްސަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ކަނޑައެޅޭ ވަކި ލައިސަންސެއް ނަގަންޖެހޭއިރު، ލައިސަންސް ނެތި މިފަދަ ޚިދުމަތްތައް ދޭ ފަރާތްތައް 50,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް މި ބިލުން އެޖެންސީއަށް ލިބިދެއެވެ.

މި ޤާނޫނުގެ ދާއިރާގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ދާއިރާގެ މުހިންމު ނެޓްވަރކްތަކާއި ޑޭޓާތައް ހިމެނުނު ނަމަވެސް، ޤައުމީ ސަލާމަތާ ގުޅުންހުރި ސެކިއުރިޓީ ޚިދުމަތްތަކުގައި ބޭނުންކުރާ ސިސްޓަމްތަކާއި އެ ފަރާތްތައް މި ޤާނޫނުން އިސްތިސްނާވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު