މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ބޭންކް އެކައުންޓްތައް ކުއްޔަށް ދިނުމާއި، އަމިއްލަ އެކައުންޓްގެ މަޢުލޫމާތު އެހެން ފަރާތްތަކަށް ހިއްސާކުރުމަކީ ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށް ބަޔާންކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި-ސްކޭމް ސެންޓަރުން އާންމުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ޚާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ ވަސީލަތްތަކުގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ފައިސާ ހޯދުމަށް އެކައުންޓް ދީ" ފަދަ އިޝްތިހާރުތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. މިއީ އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ހިންގާ ނުރައްކާތެރި މަސައްކަތެއްކަން ފުލުހުން ފާހަގަކުރެއެވެ.

އެންޓި-ސްކޭމް ސެންޓަރުން ބުނީ، ބޭންކް އެކައުންޓަކީ އަމިއްލަ ފަރުދަކަށް ދޫކޮށްފައިވާ އަމިއްލަ އެއްޗެއް ކަމަށެވެ. އެހެންކަމުން، އެކައުންޓުގެ ލޮގިން މަޢުލޫމާތާއި، ޕިން ނަންބަރު އަދި އޯޓީޕީ ފަދަ ސިއްރު މަޢުލޫމާތުތައް އެއްވެސް ހާލެއްގައި އެހެން ފަރާތަކަށް ހިއްސާކޮށްގެން ނުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިންގ (ނުވަތަ ކުށް ކޮށްގެން ހޯދާ ފައިސާ ދައުރުކުރުން) ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަމެކެވެ. މިފަދަ އަމަލުތަކުގައި ބައިވެރިވާ ފަރާތްތަކަކީ "މަނީ މިއުލް" ނުވަތަ ކުށްވެރިންގެ ފައިސާ ދައުރުކޮށްދޭ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވޭ ބައެކެވެ. ފުލުހުން އިންޒާރު ދެއްވާފައިވަނީ، އެކައުންޓް ބޭނުންކޮށްގެން ކުރާ ކޮންމެ މުޢާމަލާތެއްގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެ އެކައުންޓެއްގެ ވެރިފަރާތުން ކަމަށެވެ.



މީގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކުގެ ތެރޭގައި ޖިނާއީ ދަޢުވާ އުފުލި، ބޮޑު އަދަބެއް ލިބުމާއި، ބޭންކިންގ ޚިދުމަތްތަކުން މުޅި އުމުރަށް މަޙްރޫމްވުމާއި، މާލީ މުޢާމަލާތްތައް ކުރުމުގައި ދާއިމީ ހުރަސްތަކެއް ކުރިމަތިވުން ހިމެނޭކަން ފުލުހުން ފާހަގަ ކޮށްފައިވެއެވެ.

އެންޓި-ސްކޭމް ސެންޓަރުން އިތުރަށް ބުނީ، އެކައުންޓް ކުއްޔަށްދޭ ފަރާތްތަކާއި އެފަދަ އެކައުންޓްތައް ކުއްޔަށް ހިފާ ފަރާތްތަކާ މެދު މާލީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

އެހެންކަމުން، ސޯޝަލް މީޑިއާގައި ހުންނަ މިފަދަ ޕޯސްޓްތައް އެއްވެސް ފަރާތަކުން ޝެއަރ ނުކުރުމަށާއި، މިފަދަ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު