މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުން- ފޮޓޯ: މަޖިލިސް
މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުން- ފޮޓޯ: މަޖިލިސް
އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންނަށް ދޭ މުހިންމު ބޭހެއް ކަމަށްވާ "މެތައިލްފެނިޑޭޓް" ރާއްޖެ އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ފާސްކޮށްފިއެވެ.

މި ބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށް ވީނަމަވެސް، ރާއްޖޭގައި މިއީ މަނާ ބޭހެއްގެ ގޮތުގައި އޮތުމުން ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން، ރައީސް އޮފީހުން މަޖިލީހަށް ވަނީ ޖަވާބު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދީފައިވާ ލަފައަކާ އެކު ކެބިނެޓުގައި މަޝްވަރާކުރުމަށްފަހު، ރާއްޖޭގައި މަނާކޮށްފައިވާ ބޭސްތަކުގެ ލިސްޓުން މެތައިލްފެނިޑޭޓް އުނިކުރަން މިދިޔަ މަހު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ލިސްޓަށް ބަދަލު ގެނައުމުގެ ކުރިން މަޖިލީހުގެ ރުހުން ބޭނުންވާތީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީއެވެ.

މި މައްސަލަ ދިރާސާކުރުމަށް އިއްޔެ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެ ބޭސް މަނާ ލިސްޓުން އުނިކުރުމަށް ފާސްކޮށްފައެވެ.

މެތައިލްފެނިޑޭޓް މިހާތަނަށް ރާއްޖެއަށް އެތެރެކުރުން މަނާވެފައި އޮތީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެއީ މަސްތުވާތަކެތީގެ ބާވަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުންނެވެ. އެ ބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ މުހިންމު ފަރުވާއަކަށް ވާތީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ އެ ބޭސް ލިސްޓުން އުނިކޮށްދިނުމަށް މިދިޔަ އަހަރު މަޖިލީހުގައި އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު